ސްޓެލްކޯ އިން އއ.ތޮއްޑޫގައި އިމާރާތް ކުރާ ފަސް މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއްގެ ބިންގާ އަޅައިފިއެވެ.

ތޮއްޑޫގައި ސްޓެލްކޯއިން އަލަށް އަޅާ އިންޖީނުގެއަކީ ޒަމާނީ ފަސޭހަތަކާއެކު، ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވާގޮތަށް، ކަސްޓަމަރ ސަރވިސް އިމާރާތަކާއެކު އަޅާ އިންޖީނުގެއެކެވެ. އެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޚިދުމަތްދޭން ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަވަނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި ބައްދަލުވުންތައް ބޭއްވުމަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި ކޯވިޑްގައި ކުރެވުނު ތަޖުރިބާގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވަނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ. މީގެ އިތުރުން މިއިންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ވާނެއެވެ. އަދި ތިމާވެއްޓާއި ރަށްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މުޅި އިންޖީނުގެވެސް ހެދޭނީ މަސައްކަތް ކުރަން ރައްކާތެރިތަނެއްގެ ގޮތުގައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯ އިން ވިދާޅުވީ މާލެއާއި އެއްހަމައެއްގައި ރަށްރަށުގައި ޚިދުމަތް ދިނުމަށްޓަކައި ތަފާތު އައު ވިސްނުންތަކެއް ސްޓެލްކޯއިން އަބަދުވެސް އަންނަނީ ގެންގުޅެމުންނެވެ.

ދަނޑުވެރިކަމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތާއި، ސްޓެލްކޯއިން ހަވާލުވިއިރު އެ ރަށުގެ ކުލަބު ޖަމިއްޔާ ފޯރީގައި، ދެ ޖަމިއްޔާއަކުން އައީ ދެ އިންޖީނުގެއާއި، ދެ ޑިސްޓްރިބިއުޝަން ވިއުގައެއް ހިންގަމުންނެވެ. އޭރުގެ ވިސްނުމާއި އެއްގޮތަށް ރަށުތެރޭގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައި މި އިންޖީނުގެތައް ހުރުމާއެކު، ވަރަށް ބޮޑެތި އުނދަގޫތަކެއް ތޮއްޑޫގެ ރައްޔިތުން އައީ އެދުވަސްވަރު ތަހައްމަލްކުރަމުންނެވެ.

ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ޚިދުމަތާއި ހަވާލުވެ، ފުރަތަމަވެސް އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލިއެވެ. އަދި ދެވަނައަށް ހިންގަމުން އައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް، އައީ ޚިދުމަތް ދެމުންނެވެ. އެއާއެކު، ސްޓެލްކޯއިން އައީ ރައްޔިތުންނާއި ވީހާވެސް ދުރުގައި، އައު އިންޖީނުގެއެއް އެޅުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

އިންޖިނުގެ އެޅުމަށްޓަކައި ބިން ހަމަޖެހި މިހާރު ތޮއްޑޫގެ ޚިދުމަތްދެމުންގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ.