ކުޅިވަރު ސާމާނު ވިއްކުމަށް ހާއްސަ އޮބިއޮންގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ރޭ ހުޅުވައިފިއެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރައިގެ އިތުރުން މީގެ ތިން މަހެއްހާ ދުވަސް ކުރިން މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުޅުވި ފިހާރައެވެ.

ހުޅުމާލޭގައި އޮބިއޮންގެ ފިހާރަ ހުންނާނީ ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށެވެ.

އޮބިއޮން ފިހާރައިގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ފިހާރައެކޭ އެއްގޮތަށް ހުޅުމާލޭގައި ހުންނަ ފިހާރަ އިން ސްޕޯޓްސް ވެއާ، ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ވެސް ލިބޭނެ ކަމަށެވެ.

އޮބިއޮންއަކީ ހުޅުމާލޭގައި ހުރި ފިހާރަތަކުގެ ތެރެއިން ކުޅިވަރު ސާމާނު އެއް ތަނަކުން ލިބޭނެ މަދު ފިހާރަތަކުގެ ތެރެއިން އެއް ފިހާރައެވެ.

"އޮބިއޮން ފިހާރައެއް ހުޅުމާލޭގައި ހުޅުވަން ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ އިން އަދި އަވަހަށް ކޮލިޓީ ސްޕޯޓްސް އެއްޗެހި ލިބޭނެ ފުރުސަތު ދިނުމަށް،" ފިހާރައިގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ފިހާރައެކޭ އެއްގޮތަށް ހުޅުމާލެ ފިހާރަ އިން ވެސް އޮންލައިންކޮށް އޯޑަރު ނަގާ ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.