ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ޚަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށްކަމަށް ހޯމަ ދުވަހު އޮޑިޓް އޮފީހުން ބުނެފިއެވެ.

"ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރެވުނު މެޑިކަލް ފެސިލިޓީތަކަށާ، ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރ ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވުން" އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ.

މި އޮޑިޓް ރިޕޯޓަކީ މިނިސްޓްރީ އޮފް ފިނޭންސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން ކުރެވުނު، ޚާއްޞަ އޮޑިޓެކެވެ.

އެސްޓީއޯ އިން ބައި ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ހިންގާފާއިވާއިރު ޚިޔާނާތުގެ އެއްވެސް ކަމެއް ނެތްކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލެވުނު ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ގޭބީސީ ތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރުމާއެކު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދުވަނީ ރާއްޖެއަށް ބޭނުންވާ ކާޑާއި އަސާސީ ތަކެތި ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. މި ޚަރަދުތަކުގެ ޖުމްލަ އަދަދު 490,159,542.43 ( ހަތަރުސަތޭކަ ނުވަދިހަ މިލިއަން އެއްލައްކަ ފަންސާސްނުވަހާސް ފަސް ސަތޭކަ ސާޅީސް ދެރުފިޔާ ސާޅީސް ތިން ލާރި) އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚާލިދު

    2021 ގައި އޮޑިޓުކުރާ ކޮންމެ ތަނެއްގެވެސް ނަތީޖަ ބުނަން މަޖުބޫރުވެފައިވަނީ ތިގޮތަށެވެ، އޮޑިޓް ނެގެޓިވް ނަތީޖާ އައުމަކީ މަޤާމް ގެއްލޭނޭކަމަކަށްވާތީ ސަރުކާރުގެ ވައްކަން އެބަ ފޮރުވައިދެން ޖެހެއެވެ. ޙަޤީޤަތަކީ މިއީއެވެ. އެސްޓީއޯއިން ވައްކަންކުރިވަރު ރައްޔިތުން ދެނެތިބީމެވެ. ސާބަސް އޮޑިޓް އޮފީސް. ސާބަސް އޮޑިޓަރ ޖެނެރަލް

    3
    1