މިދިޔަ މެއި މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން، އެއް ބިލިޔަން ރުފިޔާ ބަލައިގަނެފައިވާކަމަށް ވިދާޅުވެއްޖެއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހުވެސް، އެންމެ ގިނަ ފައިސާ ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައެވެ.

މީރާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހު ލިބުނު އެއް ބިލިޔަން ރުފިޔާއަކީ، ކުރިން މި މުއްދަތުގެ ތެރޭގައި އަންދާޒާކުރި އަދަދަށްވުރެ 10.6 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، މިއީ 2017 ވަނަ އަހަރުގެ މުއްދަތާ އަޅާ ބަލާއިރު 14.6 އިންސައްތަ ދަށް އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.

އެފަރާތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި އަދަދު ލިބިފައިވަނީ މިދިޔަ މަހުގެ ތެރޭގައި ބައެއް ބެންކުތަކުން ޕްރޮފިޓް ޓެކްސް ދައްކާފައިވުމުންނެވެ. ޕްރޮފިޓް ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 31 ކަމުގައިވިޔަސް، ސުންގަޑީގެ ކުރިން ޓެކްސް ދައްކާފައިވުމުން، މީރާ އަށް މެއި މަހު ލިބުނު އާމްދަނީ އިތުރުވީކަމަށްވެސް ބުނެފައިވެއެވެ.

ލިބުނު ފައިސާގެ އެންމެ ބޮޑު ހިއްސާއެއް ޖީއެސްޓީ އިން ހިއްސާކުރާއިރު އެންމެ ކުޑަ އިންސައްތައެއް ހިސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއަރޕޯޓް ސަރވިސް ޗާޖުން ލިބުނު ފައިސާއެވެ.

އެގޮތުން، އެކި ޓެކްސްތަކުން ލިބުނު ފައިސާއާއި، ޖުމުލަ އަދަދު ހިއްސާކުރާ އިންސައްތައަކީ:

  • ޖީއެސްޓީ: 610.43 މިލިޔަން ރުފިޔާ، 58.2 އިންސައްތަ
  • ބޭންކް ޕްރޮފިޓް ޓެކްސް: 98.71 މިލިޔަން ރުފިޔާ، 9.4 އިންސައްތަ
  • ގްރީން ޓެކްސް: 64.16 މިލިޔަން ރުފިޔާ، 6.1 އިންސައްތަ
  • އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 57.64 މިލިޔަން ރުފިޔާ، 5.5 އިންސައްތަ
  • އެއަރޕޯޓް ސަރވިސް ޗާޖު: 57.34 މިލިޔަން ރުފިޔާ، 5.5 އިންސައްތަ
  • އެހެނިހެން ޓެކުހާއި ފީ: 161.24 މިލިޔަން ރުފިޔާ، 15.4 އިންސައްތަ

މީގެއިތުރުން، މެއި މަހުގެ ތެރޭގައި 38.22 މިލިޔަން އެމެރިކާ ޑޮލަރުވެސް، މީރާ އިން ބަލައިގަނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން ނަ

    ތިޔައީ ހަލާލު ފައިސާއެއް ނޫން.... އިސްލާމް ދީނުގައި މުސްލިމުން ކުރާ މަަސައްކަތުން ޓެކްސް ނެގުމެއް ނޯވޭ... މޭފުއްޕާފަ މިވެނިވަރަކަށް އިންކަމް ލިބުނޭ ބުންނަސް އެއީ ބައެއްގެ މުދަލުން ފޭރިގަތް މުދާކަން ޔަގީން. އާޚިރަތުގަ އެފައިސާ ކެއި ބައެއްގެ ކަރަށް އެޅޭނީ އަނގުރު އަލިފާން..