މިމަހުގެ ތެރޭގައި ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލި ފަހުން އެއް މަސް ތެރޭގައި މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ގެ ކުރިން ރާއްޖެ އަށް އެއް މަސް ތެރޭގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި މަހު އެއް ލައްކަ ވަނަ ފަތުރުވެރިއަކަށް ރާއްޖެ އައީ މިސްރުގެ އަންހެނެއް ކަމަށްވާ ހަނާ މުހައްމަދު އަހުމަދު ކަމާލް މުސްތަފާއެވެ. އޭނާ ރާއްޖެއަށް އައީ މިއަދު ހެނދުނު އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައެވެ.

އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަށްވުރެ މައްޗަށް އެރުން ފާހަގަކޮށް، އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އޭނާ އަށް މަރުހަބާ ކިއުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް އެއާޕޯޓަށް ވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 1،701 ފަތުރުވެރިންނެވެ. އޮގަސްޓު މަހު 7،628 ފަތުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައީ 9،538 ފަތުރުވެރިންނެވެ.

އޮކްޓޫބަރުމަހު ރާއްޖެއަށް 21،515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35،759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރު މަހު ރާއްޖެއަށް އައީ 96،225 ފަތުރުވެރިންނެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައި އިރު ފެބްރުއަރީ މަހު ރާއްޖެއަށް އައީ 96،882 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު 270،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އަވަށްޓެރި އިންޑިއާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހުރިހާ ޑޮލަރ ތަށް ދަނީ ކޮންތާކަށްބާ ؟ އިންޑިޔާގެ ގަންގާކޯރަށްބާ ....

  2. ުދަރިނިބޯ

    ނުފެނޭތަ އަތޮޅުތެރޭގައި ހިންގަމުންދާ ތަރައްގީގެ އެތައްމަސްރޫއުތައް!!