ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން މެއި މަހާ ހަމައަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 321 މިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި 395 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 22 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކްސް އަކީ ރިޒޯޓުތަކާއި ގެސްޓުހައުސްތަކާއި ސަފާރީ ފަދަ އުޅަނދުތަކުގައި މަޑު ކުރާ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ދުވާލަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

ދައުލަތުން ގްރީންޓެކްސް ނަގަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.