ދުނިޔޭގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފިއެވެ.

ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް މެދުކަނޑާލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން މިދިޔަ އަހަރުގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، ސިންގަޕޯ އެއާލައިންސުން ކުރިއަށް އޮތް ތަނުގައި ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ފެށުމާއެކު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް އަލުން ދަތުރުތައް ފެށި ބައިނަލްއަގުވާމީ އެއާލައިންގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފައެވެ. ސިންގަޕޯ އެއާލައިންސަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެންނަ އެއާލައިނެކެވެ. ކޮވިޑްގެ ކުރިން އެ އެއާލައިނުން ކޮންމެ ދުވަހަކު ހެން ރާއްޖެ އަށް ދަތުރުތައް ބާއްވައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ތިން ލައްކައާ ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި މަހު އެކަނި ވެސް އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.