މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ޚިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫޖަދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުއެވެ.

60 މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި މިކުންފުނިން މިހާރު ދަނީ 900 މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ރާއްޖެގެ އާބާދީގެ 50 އިންސައްތަ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުނެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާއި ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ރީޖަންގެ އިތުރުން އެމްޑަބްލިޔުއެސްސީން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ރ.ދުވާފަރުގައި މިކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އަދި އެ ކުންފުނީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާ ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، މިކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިންގ،މެނުފެކްޗަރިންގ އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި އަދި ކޮންސްޓަރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެެެވެ.

އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން ދަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީން އިލެކްޓޯނިކް ޚިދުމަތްތައްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މިކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

26 އަހަރު ކުންފުންޏަށް ފުރިގެންދާއިރު 2021 ވަނަ އަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިދިޔަ އަހަރަކީ މުޅިދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އެރިއަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށްވެސް މިކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ އަދި އިޖުތިމާއި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން އެކި އެކި ޖަމިއްޔާތަކަށާއި ކައުންސިލުތަކަށާއި ސްކޫލުތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހުރިހާ މުވައްޒަފުންނާ ވާރޗުއްލަކޮށް ބައްދަަލުކުރައްވާފައެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާރޗުއަލް ރަން" އެއްވެސް ދުވެފައެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.