ރ.އަތޮޅު ދުވާފަރުގެ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު އެމްޑަބްލިއުއެސްސީން ހެޔޮކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އަގަށް ގެނައި ބަދަލާއިއެކު މިހާރު އައިސް ޓަނެއް ވިއްކާނީ 1،050ރ. އަށެވެ. މީގެ ކުރިން ދުވާފަރުން އައިސް ޓަނެއް ވިއްކީ 1،275ރ. އަށެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި، އެ ބަދަލު ގެނައީ އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގައި ލުއިތަކެއް ދިނުމަށެވެ. މިއީ ގިނަ ބަޔަކު އެދެމުން އައި ބަދަލެއް ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ މިއީ އާއްމުންނާ ގުޅިފައިވާ ހިދުމަތަކަށް ވާތީ އެ ކުންފުނިން ހިދުމަތް ދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ހިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރ ކުރެވޭނެ އެވެ. އެ ކުންފުނީގެ އައިސް ހޮޓްލައިން ނަމްބަރަކީ 7999151 އެވެ.

ދުވާފަރު އައިސްޕްލާންޓަކީ އެމްޑަބްލިއުއެސްސީ އިން ހިންގާ ހަމައެކަނި އައިސްޕްލާންޓެވެ. އެ ކުންފުނިން ދުވާފަރުގައި އައިސްޕްލޭންޓެއް ހުޅުވީ 2013 ވަނަ އަހަރު އެވެ.