މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އިންޑިއާ އިން 3200 ޓަނުގެ މުދާ އައްޑޫ ސިޓީ އަށް ގެނެސްފިއެވެ.

ސ. ހިތަދޫ ޕޯޓްސް ލިމިޓެޑުން ބުނީ އައްޑޫ ވިޔަފާރިވެރިން 3289.7 ޓަނުގެ މުދާ ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެ މުދާތައް ރާއްޖެ ގެނައީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓެއް ކަމަށްވާ "ބޮންތި 2" އިންނެވެ.

އައްޑޫއަށް ރޯދަމަހާ ދިމާކޮށް ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ގިނަ އިން ކާބޯތަކެއްޗެވެ. ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި ބޭސް ވެސް އައްޑު އަށް ގެނައި އިރު، ކާބޯތަކެތީގެ ތެރޭގައި ބިހާއި ފިޔަ އާއި އަލުވި އާއި މޭވާ އާއި ތަރުކާރީ ވެސް ހިމެނެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫއާ ދެމެދު ކޮންމެ 20 ދުވަހަކުން ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. އައްޑޫ އަށް އިންޑިއާއިން މުދާ ގެންނަ ވިޔަފާރިވެރިން ބުނީ، އެ ގައުމުން މުދާ ގެންނަން ފެށި ފަހުން މުދަލުގެ އަގު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރޯދަ މަހު ވެސް ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.