ކުރިއަށް އޮތް ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ރަމްޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ބޭންކުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައްވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް އަށް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބަޔާނުގައިވެއެވެ. ބަޔާނުގައި ބުނި ގޮތުގައި އޭގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހުއެވެ.

މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލް އިން އެދެއެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިޔުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށްވެސް ބޭންކުން އެދެއެވެ.

މީގެއިތުުރުން އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ބަޔާނުގައިވެއެވެ.

މި ދަނޑިވަޅުގައި ގޭގައި ތިބެގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ގެ ހިދުމަތްތައް ހޯދުމަށް ބޭންކުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު