ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު.އޯ މެޝިން ބަހައްޓައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށް ދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ.

އެތޮތުން، 2 އާރު.އޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ 3 ވޯޓަރ ޑިސްޕެންސަރވެސް ބަހައްޓާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ޝާމާ ތައްޚާން ވިދާޅުވީ، މިޕްރޮޖެކްޓްގެ ސަބަބުން އެރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.

“ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސަލިނޭޝަން ފެން ކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެން ކަމުން މި ބޭނުން ކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި. އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ.” ޝާމާ ވިދާޅުވިއެވެ.

އުންމީދަކީ އެޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އެކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމް ކަނޑައަޅާފައެވެ.

އަދި އެޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެޖަމިއްޔާގެ ފަރާތުން ވަނީ ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާވެސް ހަވާލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު