ޕީ.އެސް.އެމް ވަރލްޑް ކަޕް ކަވަރޭޖްގެ ޑިސްޓްރިބިއުޝަން ޕާޓްނަރަކަށް އެކްސް ޕަވާރ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެކްސް ޕަވާ މޯލްޑިވްސްއާއެކު މިއަދު ވަނީ ޕާރޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުއްލަތީފްއެވެ. އެކްސްޕަވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޔަމާން މުފްތާގްއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ވިދާޅުވީ ޕީއެސްއެމް އަކީ މިފަހަރުގެ ވަރލްޑްކަޕްގެ ރާއްޖޭގެ ލައިސަންސް
ބްރޮޑްކާސްޓިންގ ޕާޓްނަރު ކަމަށާއި، އެކަމަށް އިޙްތިރާމްކޮށް ވޯލްޑް ކަޕް ދައްކަން ބޭނުންވާ ފަރާތްތަކުން ޕީ.އެސް.އެމް އާއި ގުޅިގެން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅިގެން ވޯލްޑް ކަޕް ދެއްކުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް މިވަނީ ހުޅުވާލެވިފައި. އަޅުގަނޑުމެންނާއި އެކު އެއްބަސްވުމަކަށް އައިސް އަޅުގަނޑުމެންނާއި ގުޅިގެން ވޯލްޑް ކަޕްގެ ރާއްޖޭގައި ދެއްކުމަށް އަދިވެސް އެއްފަހަރު އިލްތިމާސް ކުރަން." އިކްރާމް ވިދާޅުވިއެވެ.

ޑީ.އެމް.ޑީ ވިދާޅުވީ ޕީ.އެސް.އެމް އިން މަސައްކަތްކުރަމުން ދަނީ މިފަހަރުގެ ވޯލްޑް ކަޕް ކަވަރޭޖަކީ މީގެކުރިން ގެނެސްދީފައިވާ ބޮޑެތި މުބާރާތްތަކަށްވުރެވެސް ފުރިހަމަ ކަވަރޭޖަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ މީގެކުރިން މިފަދަ ބޮޑު މުބާރާތެއްގައި ގެނަސްދީފައިނުވާފަދަ ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް. މޮޅު އެނަލިސްޓުންގެ ޓީމުން ކޮންމެ މެޗެއް ފެށުމުގެ ކުރިންނާއި، މެޗުގެ މެދުތެރެއިން އަދި މެޗު ނިމުމުން އެމެޗެއްގެ އެނަލައިސިސް ގެނެސްދޭނެ. މުނިފޫހިފުލުވުމާއި މަޖާ އެތައް ހަރަކާތްތަކަކާއެކު މިފަހަރުގެ ކަވަރޭޖް ޕީއެސް.އެމުން ގެނެސްދޭނީ. އަދި އަޅުގަނޑުގެ އުއްމީދަކީ މިކަވަރޭޖް އަކީ ދިވެހިންނަށް ކަމުދާ މަޤްބޫލް ކަވަރޭޖެއް ކަމުގައިވުން." އިކްރާމް ވިދާޅުވިއެވެ.

އެކްސްޕަވާސްގެ މެނޭޖިންގ ޑިރެކްޓަރ ޔަމާން ވިދާޅުވީ މިފަދަ ފުރުސަތެއް އެކުންފުންޏަށް ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، އެކުންފުނީގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ފުރިހަމަ ކަވަރޭޖެއް ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް އެކްސައިޓްވެފައި ޕީ.އެސް.އެމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން. އަޅުގަނޑުމެންގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ވަރަށް ފުރިހިމަ ކަވަރޭޖެއް ދޭނަން." ޔަމާން ވިދާޅުވިއެވެ.

އެކްސްޕަވަރސް މޯލްޑިވްސް އަކީ ރާއްޖޭގެ ރިސޯޓްތަކަށް ކޭބަލް ޓީ.ވީގެ ހިދުމަތް ދެމުންދާ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޒް

    އިކުރާމުގެ ރާގު ބަދަލު ވެއްޖެ.. މިހާރު ބުނަނީ ގުޅިގެން ދައްކަން ހިނގާށޭ.. ކުރިން ބުނީ ލާހިކެއް ނޫނޭ ޕީއެސްއެމް އިން ނޫނީ ބަލާކަށް.. އެހެން ޗެނަލެއް ބަލައިފި މީހަކަށް ޓެރަރިޒަމް ގެ ދައުވާ ކުރާ ހިސާބުގައި އޮތީ