ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ އޭޓީއެމްތައް އަޕްގްރޭޑްކޮށް، އެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދަައިފިއެވެ.

ބީއޯސީގެ އޮފިޝަލަކު ވިދާޅުވީ، އެ ބޭންކުން މާލެ އާއި ހުޅުމާލޭގައި ފައިސާ ޖަމާ ކުރެވޭ ގޮތަށް އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ.

މި އާ އޭޓީއެމްތަކުގެ ތެރެއިން މާލޭގައި އޭޓީއެމް ބަހައްޓާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި ބްރާންޗް ކައިރީގައެވެ. ހުޅުމާލޭގެ އޭޓީއެމް ހުންނާނީ އަމީން އެވެނިއު އިމާރާތް ކައިރީގައި ހުންނަ ބަސް ސްޓޮޕް ކުރިމަތީގައެވެ.

ބީއޯސީން ރާއްޖޭގައި ހިދުމަތް ދެމުންގެންދާތާ މިހާރު 40 އަހަރުވާން ވަނީ ކައިރިވެފައެވެ.

އެ ބޭންކަކީ ދިވެހި ގިނަ ވިޔަފާރިތަކާއި ގުޅިފައިވާ ބޭންކެެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އެ ބޭންކްގެ ފެސިލިޓީތައް މެދުވެރިކޮށް ރާއްޖޭގެ ބޮޑެތި ރިސޯޓްތަކާއި، ރިއަލް ސްޓޭޓް ވިޔަފާރިތައް ފަށާފައި ވެއެވެ.