ސްޕެއިންގެ ގައުމީ އެއާލައިން، ކަމަށްވާ އައިބީރިއާ އެއާލައިނުން، ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަން ނިންމައިފިއެވެ.

މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

އައިބީރިއާ އެއާލައިނުގެ އެގްޒެކެޓިވް ޗެއާމަން ހަވިއޭރު ސަންޗޭޒް ޕްރިއެޓޯ ރަޝިއާގެ ޓްރެވެލް ނޫހެއް ކަމަށްވާ ރަސް ޓޫރިޒަމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެޑްރިޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވާނީ އަންނަ ޖުލައި މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގައި ކޮންމެ ހަފްތާއަކު ދެ ދަތުރު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން އަންނާތީ ދަތުރުތައް ހުއްޓާލާފައިވާ މަންޒިލްތަކަށާއި އާންމުކޮށް ދަތުރުތައް ކުރާ މަންޒިލްތަކަށް ދަތުރުތައް އިތުރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ދަތުރުތައް ފަށަން ނިންމުމާއެކު ކުންފުނީގެ އިތުބާރު އިތުރުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.

އައިބީރިއާ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ފަތުރުވެރިންނަށް ރާއްޖެ އައުމުގައި ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށް، ދެ ހަފުތާ ވެފައިވާ ފަތުރުވެރިން މިހާރު ޕީސީއާރު ޓެސްޓަކާ ނުލައި ރާއްޖެ އަށް ދަތުރު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު