މޫވެންޕިކް، ކުރެދިވަރު ރިސޯޓުގައި ތިން ދުވަހުގެ ޗުއްޓީ ހޭދަ ކުރުމަށް މުޅި ރިސޯޓު ބުކް ކުރެވޭނެ ޕެކޭޖުތަކެއް އިއުލާންކޮށްފިއެވެ.

ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުރެދިވަރު ރިސޯޓުގެ ޕެކޭޖް ހާއްސަކޮށްފައި ވަނީ އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ޗުއްޓީ ހޭދަކޮށްލާ މުއްސަނދިންނަށެވެ. މި ޕެކޭޖު ނަގާ މީހުންނަށް އެ ރިސޯޓުގެ 105 ވިލާ އާއި ސުއީޓުތަކާއި ރެޒިޑެންސްތަކުގެ ބޭނުން ކުރެވޭނެއެވެ.

ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗު ކައިރީގައި ކޮޓަރި ހަދާފައި ހުންނަ އިރު، އެތަނުގައި ފަސް ތަރީގެ ޑައިވް އެންޑް ވޯޓަ ސްޕޯޓްސް ސެންޓަރަކާއި ސްޕާ އާއި ކުޅިވަރު ކުޅުމަށް ހާއްސަ ކޯޓުތައް (ވޮލީ ކޯޓު، ޓެނިސް ކޯޓު) ފަދަ ތަންތަން ހުރެއެވެ.

މޫވެންޕިކް، ކުރެދިވަރު ރިސޯޓު

މި ޕެކޭޖް ނަގައިގެން އެމީހަކު ބޭނުން ވަރަކަށް ކެއުމާއި ބުއިމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. ރިސޯޓުގައި ހަތަރު ރެސްޓޯރަންޓާއި ބާ އާއި ކެފޭތައް ވެސް ހުރެއެވެ. ފަތުރުވެރިންނަށް ލިބޭނެ އުފާވެރި ހަބަރަކީ މި ޕެކޭޖް މެދުވެރިކޮށް ސްނޯކްލިން، ވިންޑް ސާފިން، ޕެޑަލް ބޯޑިން، ކަޔަކިން ފަދަ ކުޅިވަރު ހަރަކާތްތަކުގައި ވެސް ބައިވެރިވެވޭނެ ކަމެވެ.

މޫވެންޕިކް، ކުރެދިވަރު ރިސޯޓު

އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބުކިން ހައްދާ މީހުން ދައްކަން ޖެހޭނީ ތިން ދުވަހަށް 930،000 ޑޮލަރެވެ. އޮކްޓޯބަރު މަހު ބުކިން ހައްދާ މީހުން ތިން ދުވަހަށް 1،014،000 ޑޮލަރު ދައްކަން ޖެހޭއިރު، ނޮވެމްބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ބުކިން ހައްދާ ނަމަ ދައްކަން ޖެހޭނީ 999،000 ޑޮލަރެވެ.

ކުރެދިވަރުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ސަންރައިޒް އަދި ސަންސެޓް ޔޯގާ ސެޝަން ފަދަ ހިދުމަތްތައް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލި ފަހުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ތިން ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކަށް ގެނައުމަށްޓަކައި އެ ރިސޯޓުތަކުން ތަފާތު އެކިއެކި ޕެކޭޖްތައް ދަނީ ތައާރަފް ކުރަމުންނެވެ.