ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ކާބޯތަކެތީގެ މައްސަލަޔަކީ ނުހަނު ބޮޑު ވެފައިވާ މައްސަލައެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ނޫސްތަކުގެ ފަލަ ސުރުހީތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެންމެ ބޮޑަށް ގުޅިފައިވަނީ ރަމަޟާން މަހު ކޮންމެހެން ބޭނުންވާ ކާބޯތަކެތި ލިބުމުގައި ހުންނަ ދަތިތަކުގެ ވާހަކައެވެ. ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން އެތެރެކުރާ ކާބޯތަކެއްޗަކީ ރަމަޟާން މަހާއި ދިމާކޮށް މީގެކުރިން ރައްޔިތުންގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް ކަންތައްތަކެވެ.

ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތަކަކީ ކޮންމެ ގެއެއްގައި ވެސް ރޯދަމަހުގެ ކޮންމެ ދުވަހެއްގައިހެން ބޭނުންކުރަމުންދާ އެންމެ އާންމު ބާވަތްތަކެވެ. މީގެ ކުރީގެ އަހަރުތަކުގައި ރަމަޟާން މަހާ ދިމާކޮށް ގެންނަ ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތަކުގައި މައްސަލަ ހުރެ ރައްޔިތުންނަށް އޭގެ ދަތިތައް ކުރިމަތިވެފައި އެބަހުއްޓެވެ. ބައެއް ފަހަރު މި ތަކެތި ކުނިވުމާއި، ބޯޓުތައް އައުން ލަސްވުންފަދަ ސަބަބުތައް ދިމާވެފައި އެބަހުއްޓެވެ. ނަމަވެސް ނިމިގެން މިދާ ރޯދަ މަހުގައި އެފަދަ އެއްވެސް ޝަކުވާ އެއް އަޑުނީވި ހުރިހާ ރައްޔިތުންނަށް ބޭނުންވަރަކަށް މިތަކެތި ފޯރުކޮށް ދެމުންދިޔަކަމީ އެއްވެސް ބައެއްގެ ސަމާލުކަމަށް އައި ކަމަކަށް ނުވިއެވެ.

އެސްޓީއޯ ސުޕަރ މާޓް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިންމު ބާވަތްތައް ރާއްޖެ އެތެރެ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުންނެވެ.

އެސްޓީއޯގެ ހިންގުންތެރި އެމްޑީއާއި މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ މި ރޯދަމަހު ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އަގުހެޔޮ އަދި އެއްވެސް ދައްޗަކާނުލައި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. ދުރާލައި ގެނެވުނު ހަރުދަނާ ބަދަލުތަކާއި، އެޅުއްވި މުހިންމު ފިޔަވަޅުތަކާއިއެކު މިއަދު އެސްޓީއޯއިން ކުރިން ރައްޔިިތުން ކުރި ޝަކުވާތައް ވަނީ ހުއްޓުވާފައެވެ.

އެސްޓީއޯ ސުޕަރ މާޓް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އެސްޓީއޯއިން މި ރަމަޟާން މަހު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ މުހިންމު ބާވަތްތައް އެތެރެކޮށް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދީފައިވާއިރު މި އަހަރު ވެގެންދާނީ ރޯދަމަސް ނިމުމާއި ހަމަޔަށްވެސް ކާބޯތަކެތީގެ އަގު އެއް މިންގަޑެއްގައި ހިފެހެއްޓުނު ރޯދަމަހެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ލުއިފަސޭހަ ކަމާއިއެކު އެސްޓީއޯ ސުޕަމާޓުން ގިނަ އަދަދެއްގެ ކާބޯތަކެތި އެއްވެސް ދައްޗަކާއި ނުލައި ލިބޭނެ އިންތިޒާމު ހަމަޖެއްސި ކަމީވެސް މި ރޯދަމަހު ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ނުހަނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

އެސްޓީއޯ ސުޕަރ މާޓް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މީގެ ކުރީ އަހަރުތަކުގެ ރަމަޟާންމަހުގައި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުމުގެ އަޑު އިންތިހާއަށް އޮތް ކަންކަން ހައްލުވެ، އެކަންކަން ހަމަޖެހިގެން ދިއުމުން އެކަމުގެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތެވެ. އެސްޓީއޯ އިން މިވަނީ އެފަދަ ޝަކުވާތައް ހުއްޓުވައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކުގެ އަގަ މަތީގައި މަލަން އަޅާފައެވެ. އެސްޓީއޯއިން ދަނީ ގިނަ ގޮންޖެހުންތަކާއިއެކުވެސް އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ އިތުބާރު ހޯދަމުންނެވެ. ހަމަ ޔަގީނުންވެސް މި ރޯދަމަހުގައި އެސްޓީއޯއިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމްސާ

    އެންމެންގެ އެސްޓީއޯ

  2. ހަނީ

    ތޭންކްސް އެސްޓީއޯ

  3. އެދުރުބެ

    ދިވެހިން ކުޅަދާނަ ވާނެ ޝަކުވާ ކުރަން. ޝުކުރު ކުރުން އެއީ ނެތް އާދައެއް.

    • ޟަ

      ޥަރަށް ބޮޑު ތެދެއް. ޝުކުރިއްޔާ އެސްޓިޢޯ

  4. ފޮޅި

    ޕްރޮކިއުމަންޓްވެސް އޮތީ މިހާރު ވަރަށް ހަރުދަނާ ފައްތަރަކަށް ގެނެވިފަ. ޝަހީރުގެ ސްޓްރެޓެޖިކް ޑިރެކްޝަން ވަރަށް ފުރިހަމަ.

    އެކަމު މިފަހަރު ބޯނަސް އަށް އެ ހެދި ގޮތެއް ސްޓާފުންނަކަށް ނާންގާ.

  5. ؟؟

    ބޯނަސްގެ ވާނުވާ ނޭނގޭ. ރޯދައައް ގެނައެ ބިސްކޭސްއިން 8000 ކޭސް އުކާލި. ވަރައް ހަރުދަނާ ދޯ؟