ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ކުއާޓާފައި ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު، 23 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ވިދާޅުވި ގޮތުގައި މި ނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީއެވެ.

އެ ބޭންކުން ވިދާޅުވި ގޮތުގައި މި ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާ އާ އަޅާ ބަލާ އިރު، 25 އިންސައްތަ އިތުރު އަދަދެކެވެ.

މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށް ބޭންކުން ބުންޏެވެ.

މި ކުއާޓަރގައި ބީއެމްއެލް ގެ ވިގުއަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައެެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފަށައިފައެވެ. މި ކުއާޓާގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް ފަސް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވައިފައެވެ.

މީގެއިތުރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތަކުން އާންމުން ހޭލުންތެރިކަން އިތުރުކުރުވައި މިކަމުން ރައްކާތެރިކުރުމުގެ ގޮތުން ބޭންކުން ވަނީ "ސަމާލުވޭ" ގެ ނަމުގައި އައު ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް -19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.

މީގެ ތެރޭގައި ކާޑުން ލިބޭ އާމްދަނީވެސް ހިމެނޭ ކަމަށާއި މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިގުއަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީހު

    ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ

  2. ޙ

    ޢެހެނވިއްޔާ އެކައުންޓް ހުލުވާފަ ތިބިމީހުންގެ މެދުގަ ފައިދާ ބަހަންވޭނުން