މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)އިން މިދިޔަ އަހަރު 633.9 މިލިއަން ޑޮލަރު ވިއްކާލައިފިއެވެ.

އެމްއެމްއޭއިން އާންމު ކޮށްފައިވާ އެ އިދާރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާ ކުރި މިންވަރަށްވުރެ ދަށްވެ، ބޭރު ފައިސާ ވަނުން މަދުވުމާއެކު ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން ނިމިދިޔަ 2020 ވަނަ އަހަރު އެމްއެމްއޭއިން މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެ ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު ރާއްޖޭގެ ބޭންކް ތަކަށް 633.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އަދަދަކީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަަޅައި ބަލާއިރު އެއް އިންސައްތަ އިތުރު އަދަދެކެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އެމްއެމްއޭ އިން ވަނީ ޑޮލަރު ވިއްކުމުގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ސާމާނު ސަޕްލައި ކުރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީފައެވެ.

އެގޮތުން ހާއްސަ އިސްކަމެއް ދީފައިވަނީ ޒަރޫރީ ގޮތުން ރާއްޖެއަށް އެތެރެ ކުރަންޖެހޭ މުދާތަކަށް ބަލައިގެން ޑޮލަރު ދޫކުރުމަށެވެ.

އަދި މިދިޔަ އަހަރު ބޭންކް ތަކަށް 241.1 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަޅައި ބަލާއިރު ހަ ޕަސެންޓުގެ އިތުރު ވުމެކެވެ.