މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 50.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ އެމްޓީޑީސީގެ މާލީ ހިސާބުތައް މުރާޖާކުރާއިރު، ފާއިތުވެ ދިޔަ އަހަރަކީ ކުންފުންޏަށް ޓެކްސް ނުހިމަނާ އެންމެ ބޮޑު ފައިދާއެއް ވީ އަހަރު ކަމަށެވެ.

"ފާއިތުވި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވި އަހަރެއް ކަމުގައި ވީ ނަމަވެސް ކުރެވުނު ބުރަ މަސައްކަތުން މިކުންފުންޏަށް ވަނީ ޓެކްސްއަށް ރިކޯޑްކުރުމުގެ ކުރިން ވިޔަފާރި ފައިދާގެ ގޮތުގައި 3،301،880 އެމެރިކާ ޑޮލަރު (50,914,989.6 ރުފިޔާ) ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފައިދާ އަޅާބަލާއިރު %115 ގެ ބޮޑު ކުރިއެރުމެކެވެ. މިގޮތުން، ކުންފުނީގެ މެނޭޖްމަންޓުންނާއި އަދި ބޯޑުން ދެކެނީ 2019 ވަނަ އަހަރަށް ވުރެ ބޮޑު ފައިދާއެއް ހިއްސާއަކަށް މިއަހަރު ދިނުމަށެވެ." އެމްޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުންފުންޏަށް ރިކޯޑް މިންވަރެއްގެ ފައިދާވީ ކަމުގައިވި ނަމަވެސް، 2020 ވަނަ އަހަރުގެ ސާފު ފައިދާ ދަށްވެފައިވަނީ 2020 ވަނަ އަހަރުގެ އެމްޓީޑީސީގެ މާލީ ހިސާބުތައް ހެދިފައިވަނީ އާމްދަނީ އިން ޓެކްސް ނެގުމުގެ ޤަވާއިދަށް ގެނެވުނު ދެވަނަ އިސްލާޙަށް ރިއާޔަތްކޮށް ކަމަށް ވާތީއެވެ. މިއިސްލާޙްގެ ދަށުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުއްޔާ ގުޅިގެން އުނިކުރެވޭނީ މިކުންފުނިން އިޚްތިޔާރުކޮށްފައިވާ IFRS16 ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތަށެވެ.

މިއިސްލާޙްގެ ކުރިން އަމަލުކުރަމުން ދިޔަ ޤަވާއިދުގެ ދަށުން 2019 ވަނަ އަހަރު ޓެކްސް ބިނާކުރުމުގެ އާމްދަނީ ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރެވުނު މިންގަނޑުގެ ސަބަބުން ޑިފަރޑް ޓެކްސް އެސެޓްގެ ގޮތުގައި ހިސާބުކުރެވިފައިވާ އަދަދު ވޭތުވެދިޔަ އަހަރުގެ ހިސާބުތަކުން އުނިކުރެވިފައިވެއެވެ.

މިގޮތަށް އަމަލުކުރަން ޖެހުނީ 19 އެޕްރިލް 2021 ގައި މީރާއިން ޤަވާއިދެއް ހައްދަވާ، އެޤަވާއިދަށް އަމަލުކުރުމަށް އެންގެވުމުން ކަމަށް އެމްޓީޑީސީ އިން ބުނެއެވެ.

މިހާރު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު އެވެ. އޭނާ އެކުންފުންޏާއި ހަވާލުވީ 2019 ވަނަ އަހަރު އެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިޖޫރީ ރައްކާތެރިކަމާއެކު ބަލަހައްޓާތި ހިއްސާދާރުންނަން އެއްޗެއްނުދީ ، ވަގުންނަން ތިޔަ ޑޮލަރ ތަށް ހަވާލުނުކުރާތި...