ރާއްޖޭގައި ތަރައްގީ ކޮށްފައިވާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓު ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ މުވައްޒަފުންނަށް މިމަހުގެ ސާވިސް ޗާރޖްގެ ގޮތުގައި ވެސް 2،779.64 ޑޮލަރު ނުވަތަ (42،862) ރުފިޔާ ލިބިއްޖެއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ބެހި ރިސޯޓެވެ. ވެލާ އިން އަންނަނީ ކޮވިޑް-19ގެ ބަންދަށް ފަހު ރިސޯޓުތައް އަލުން ހުޅުވި ފަހުން ކޮންމެ މަހަކު މި ލިސްޓުގެ އެއްވަނަ ހޯދަމުންނެވެ.

އެގޮތުން މިދިޔަ މަހު ވެސް އެރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް 35،500 ރުފިޔާ ދީފައެވެ. އަދި ފެބްރުއަރީ މަހު 47،109 ރުފިޔާ ދީފައިވާއިރު، ޖެނުއަރީ މަހު ކޮންމެ މުވައްޒަފަކަށް ވަނީ ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފައެވެ.

ވެލާ ފިޔަވައި މިމަހު އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ޗެވަލް ބްލެކްން ރަންދެލިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 42،069 ރުފިޔާ ވަނީ ދީފައެވެ. އަދި އޮސްޓްރިއާ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް 32،046 ރުފިޔާ ދީފައެވެ.

ރާއްޖޭގެ ރިސޯޓުުތަކުގެ ތެރެއިން މިދިޔަ މަހު 12 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފައެވެ.