އިޓަލީގައި ކޮވިޑުގެ ހާލަތާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އިންޓަމިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫގެ އުފަންދުވަސް ފާހަގަކުރުމަށް އެގައުމުގެ ހޮޓަލެއްގައި ދަންވަރު ޕާޓީ ބޭއްވި މައްސަލަ ހޫނުވެއްޖެ އެވެ.

ލުކާކޫގެ 28 ވަނަ އުފަންދުވަސް ޕާޓީ ބާއްވާފައިވަނީ އިންޓަމިލާނުގެ ކުޅުންތެރިންނާއެކު އެ ގައުމުގެ ގަޑިން ދަންވަރު 03:00 ޖެހިއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް އެ ޕާޓީގައި ބައިވެރިވި އިންޓަމިލާނުގެ ކުޅުންތެރިންނަކީ އޭޝްލީ ޔަންގް އާއި އަޝްރަފް ހަކީމީ އަދި އިވާން ޕެރިސިޗް އެވެ. އަދިވެސް އިތުރު ކުޅުންތެރިންތަކެއް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޓަމިލާނުގެ އިތުރުން އިޓަލީގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ޕާޓީގައި ބައިވެރިވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑުގެ ހާލަތު ގޯސްވެފައިވުމާއި ގުޅިގެން އިޓަލީގައި ވަނީ ރޭގަނޑު 10 އިން ފަތިހު 5 އަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މީހުން އެއްކޮށްގެން އެކި ޕާޓީތަކާއި ހަރަކާތްތައް ބޭއްވުމަކީ މަނާ ކަމެކެވެ.

މި ޕާޓީ ބާއްވާފައިވަނީ އިޓާލިއަން ލީގުގައި އިންޓަމިލާނުން 3-1 އިން ރޯމާ ބަލިކުރި މެޗަށްފަހު އެވެ. މި މެޗުގައި ލުކާކޫ ލަނޑުވެސް ޖަހާފައިވެއެވެ.