”ލިބޭ އޮންލައިން“ގެ ފުރަތަމަ ފިހާރަ ހއ.ދިއްދޫގައި މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ”ލިބޭ“ އިން މާދަމާ ދިއްދޫގައި އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުޅުވާނީ ހެނދުނު 09:00ގައެވެ.

ނިމިދިޔަ ފިތުރު އީދާއި ދިމާކޮށް ”ލިބޭ-3“ން ވަނީ ދިއްދޫގައި ކުކުޅު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ދެ ކުކުޅަކާއި އެކު 500އެމްއެލްގެ ސެނިޓައިޒާ ފުޅިއެއް ހިލޭ ދިން މި ޕްރޮމޯޝަނަށް އާއްމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

”ލިބޭ“ގެ ފަރާތުން މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަދި ހިއްސާދާރު ސައިފުﷲ އަހްމަދު ވިދާޅުވެފައި ވަނީ މާދަމާ ފިހާރަ ހުޅުވާނީ ދެ ޕްރޮމޯޝަނަކާއި ވެސް އެކު ކަމަށެވެ.

”މާދަމާ 100 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 500އެމްއެލްގެ ސެނިޓައިޒާ ފުޅިއެއް ހިލޭ ލިބިގެން ދާނެ. އަދި މީގެ އިތުރުން އޯގަސްޓް މަހުގެ 31ގެ ނިޔަލަަށް އޮންނާނެ ބޮޑު ޕްރޮމޯޝަނެއް. މީގަ 250 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރި އަކާއި އެކު ކޫޕަނެއް ލިބޭނެ އަދި ”ލިބޭ“ އިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓެއް ގަތުމުން ވެސް ކޫޕަނެއް ލިބޭނެ. މި ޕްރޮމޯޝަނުން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެން ދާނެ“ ދިއްދޫ އަށް ނިސްބަތްވާ ސައިފުﷲ މައުލޫމާތު ދެއްވިއެވެ.

”ލިބޭ-3“ ނަމުގައި އެ ކުންފުނީގެ ފުރަތަމަ ފިހާރަ ދިއްދޫގައި ހުޅުވާއިރު މާލެ އާއި އައްޑޫ ސިޓީގައި ވެސް ލިބޭގެ ފިހާރަތައް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަން ފާހަގަކޮށްލެވެއެވެ.

މާދަމާ ދިއްދޫގައި ހުޅުވާ ލިބޭގެ ފިހާރަ ހުންނާނީ ރަށުގެ އުތުރު ކޮޅުން ފްލެޓަށް ދާން އޮންނަ ވަން-ވޭ މަގު(ރަބީއު ހިނގުން) ކޮޅުގައެވެ.

މިއީ ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން ގެންދާ ދުވަސްކޮޅެއް ކަމުން ”ލިބޭ“ އިން މާދަމާ ހިދުމަތް ދޭން ފަށާނީ ހިލޭ ޑެލިވެރީގެ ހިދުމަތާއި ވެސް އެކުގައެވެ.