ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެއްވެސް ހުރަހަކާ ނުލައި ރާއްޖެ އާއި ޔޫއޭއީ ދެމެދު ދަތުރުކުރެވޭ ގޮތަށް"ޓްރެވެލް ކޮރިޑޯއެއް" ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާމިނަތު ޝަބީނާއެވެ. އެކަމަކު، އެކަން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

ޝަބީނާ ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އެކަމަށް ގޮތެއް ނިމިގެންދާނެ ކަމަށެވެ.

ޝަބީނާ ވިދާޅުވީ، އެ "ޓްރެވެލް ކޮރިޑޯ" ގާއިމްކުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދީފައިވާ ވެކްސިން ޖަހާފައިވާ ކޮންމެ މީހަކަށްވެސް ދެ ގައުމު ދެމެދު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ޕީސީއާރް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޔޫއޭއިން ރާއްޖެއަށް 6،126 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 3.6 އިންސައްތައެވެ. މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރްސީން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.