"ލިބޭ އޮންލައިން“ގެ ފުރަތަމަ ފިހާރަ ހއ.ދިއްދޫގައި ހުޅުވައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ދިއްދޫގައި އެ ކުންފުނީގެ ފުރަތަމަ ފިހާރަ މިއަދު ހުޅުވައިފިއެވެ.

"ލިބޭ"ގެ ފަރާތުން މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ހިއްސާދާރު ސައިފުﷲ އަހްމަދު ވިދާޅުވީ މިއަދު ފިހާރަ ހުޅުވީ ދެ ޕްރޮމޯޝަނަކާއި ވެސް އެކު ކަމަށެވެ.

"100 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 500 އެމްއެލްގެ ސެނިޓައިޒާ ފުޅިއެއް ހިލޭ ލިބިގެން ދާނެ. އަދި މީގެ އިތުރުން އޯގަސްޓް މަހުގެ 31ގެ ނިޔަލަަށް އޮންނާނެ ބޮޑު ޕްރޮމޯޝަނެއް. މިޕްރޮމޯޝާންގައި 250 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރި އަކާއި އެކު ކޫޕަނެއް ލިބޭނެ އަދި "ލިބޭ" އިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓެއް ގަތުމުން ވެސް ކޫޕަނެއް ލިބޭނެ. މި ޕްރޮމޯޝަނުން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެން ދާނެ" ދިއްދޫ އަށް ނިސްބަތްވާ ސައިފުﷲ ވިދާޅުވިއެވެ.

ދިއްދޫގައި ހުޅުވި ލިބޭގެ ފިހާރަ ހުންނާނީ ރަށުގެ އުތުރު ކޮޅުން ފްލެޓަށް ދާން އޮންނަ ވަން-ވޭ މަގު(ރަބީއު ހިނގުން) ކޮޅުގައެވެ.

މިއީ ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން ގެންދާ ދުވަސްކޮޅެއް ކަމުން "ލިބޭ" އިން މިއަދު ހިދުމަތް ދޭން ފަށާފައި ވަނީ ހިލޭ ޑެލިވެރީގެ ހިދުމަތާއި ވެސް އެކުގައެވެ. "ލިބޭ-3" ޑެލިވަރީގެ ނަމްބަރަކީ 7803003 އެވެ.

"ލިބޭ-3" ނަމުގައި އެ ކުންފުނީގެ ފުރަތަމަ ފިހާރަ ދިއްދޫގައި ހުޅުވިއިރު މާލެ އާއި އައްޑޫ ސިޓީގައި ވެސް ލިބޭގެ ފިހާރަތައް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.