ރާއްޖޭގައި އަލަށް ޑޮމެސްޓިކް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އެއާލައިން ކަމަށްވާ މަންޓާ އެއާ 300 އެއްހާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އެއާލައިންގެ ވެބްސައިޓުގައި ވާގޮތުގައި، މިހާރު ހަތް މަގާމަކަށް މުވައްޒަފުން ހޯދުމަށް އެ އެއާލައިނުން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން އެ އެއާލައިންނަށް ޕައިލެޓުންނާއި ފަސްޓް އޮފިސަރުން އަދި ކެބިން ކްރޫންނާއި އިންޖިނިއަރުންނާއި ލީޑް ޓެކްނީޝަނުންނާއި ޓެކްނީޝަނުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.

އެ އެއާލައިނުން ބުނީ، އެ އެއާލައިންގެ ވަޒީފާތައް ދިނުމުގައި އިސްކަން ދެނީ ދިވެހިންނަށް ކަމަށާއި، މިހާރުވެސް ގިނަ އަދަދެއްގެ މީހުން އެ އެއާލައިންގެ ވަޒީފާއަށް ކުރިމަތިލަމުން އަންނަ ކަމަށެވެ.

އެ އެއާލައިން އަންނަ އޮކްޓޯބަރ މަހު ދަތުރުތައް ފަށާއިރު، ފުރަތަމަ ވެސް ފަށަނީ ސީޕްލޭން ދަތުރު ތަކެވެ. އެގޮތުން ފުރަތަމަަވެސް 20 ރިސޯޓަށް ފަތުރުވެރިން އުފުލަން ފަށާނެ ކަމަށް އެއާލައިނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.

އެއާލައިން އިން ދަތުރުތައް ފަށަނީ ހަތަރު ސީޕްލޭނާއި 72 މީހުންގެ ޖާގައިގެ ތިން އޭޓިއާރް ފްލައިޓް ބޭނުން ކޮށްގެންނެވެ.