ރާއްޖޭގައި އިންޓަނެޓު ފަސޭހަކަމާއެކު ބޭނުން ކުރެވޭ ގޮތް ހަދަން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އުރީދޫން ބުނެފިއެވެ.

އިންޓަނެޓު އަގު ހެޔޮކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ ނަޖީބް ހާން ވިދާޅުވީ އުރީދޫން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހަ ކަމާއެކު އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރެވޭނެ މަގުތައް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ. އެއްވެސް މީހަކަށް އެ ހިދުމަތް ނުލިބި ބާކީ ވެފައި ނުތިބޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރެއްވިއެވެ.

މީގެ ކުރީ އަހަރުތަކުގައި އާ ޕްލޭންތަކަކާއި އާ ޕްރޮމޯޝަންތަކެއް ލޯންޗް ކުރެވިފައިވާ އިރު އޭގެ ތެރޭގައި އާންމުންނަށް އަތްފޯރާ ހިސާބަކަށް ހިދުމަތުގެ އަގު ހެޔޮ ކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ޕްލޭންތަކެއް އެކުލެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ބްރޯޑްބޭންޑް މޯބައިލް ސާވިސް އަކީ އެންމެންނަށް ވެސް ލިބޭނެ ފަދަ އަގެއްގައި ފޯރު ކޮށްދެވޭނެ ހިދުމަތަކަށް ހެދުމަށް ޕްރޮމޯޝަންތަކަކާއި ޕްލޭންތަކެއް އެކުލެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވީ އާޗާ ޑެއިލީ ޕްލޭން، މަގޭ ޕްލޭން ފަދަ ހިދުމަތްތަކެވެ.

"އުރީދޫ އިން ބަލަމުން މިދަނީ އެންމެންނަށް ވެސް ފަސޭހަ ކަމާއެކު އިންޓަނެޓް ބޭނުން ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް. ރަށް ރަށުގެ ރައްޔިތުންނާއި މާލެ ސަރަހައްދުގެ ކަސްޓަމަރުންނަށް އަދި ވިޔަފާރިތަކަށް ފަސޭހައިން އިންޓަނެޓް ބޭނުން ކުރުމުގެ މަގު ހޯދައިދީ، ހިދުމަތް ނުލިބި އެއްވެސް މީހަކު ނުހުރުން އެއީ އުރިދޫއިން ބަލަމުން އަންނަ ކަމެއް" ނަޖީބް ހާން ވިދާޅުވިއެވެ.

ނަޖީބް ހާން ދެއްކެވި ވާހަކައިގެ ތެރެއިން ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ހިދުމަތް ފޯރު ކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ޝުކުރު ދެންނެވިއެވެ.

އަދި ރާއްޖޭގެ އިންޓަނެޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިތުރު ޕްލޭންތަކެއްގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.