ރާއްޖެ އެތެރެކުރުން މިރެއިން ފެށިގެން މަނާ ކުރާ ޕްލާސްޓިކް އުފެއްދުންތައް އެތެރެކުރަން ހާއްސަ ހުއްދައެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ 30 ޑިސެންބަރު 2020 ގައި ނެރުއްވި ޤަރާރުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާކުރެވޭ ބާވަތްތައް އިމްޕޯޓުކުރުމުގެ ސުންގަޑި ކަނޑައަޅާ ގޮތައް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން 1 ޖޫން 2021 ގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިންގ ނުވަތަ އެއަރވޭ ބިލް 1 ޖޫން 2021 ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުރުޞަތު ދޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އަންގާރަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ވާނެ ބާވަތްތަކުގެ ތެރޭގައި އިމްޕޯޓް ކުރާ ސްޕާރީ ޕެކެޓްގެ އިތުރުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު ވެސް ހިމެނެއެވެ.

އޭގެ އިތުރުން 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި ވެސް ހިމެނެއެވެ. އޭގެތެރޭގައި ފެނާއި ލުއިބުއިން ވެސް ހިމެނެއެވެ.

ދެން މަނާ ވާނީ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅިއެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ގުޅޭ ގޮތުން އިމްޕޯޓަރުންނަށް މައުލޫމާތު ދިނުމަށް ކަސްޓަމްސް އިން ވަނީ އޮންލައިންކޮށް ބައްދަލުވުންތަކެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކައުންސެލަރު

    މީ މަބުނާ ވާހަކަ. މިސަރުކާރުންދޭ ޚާއްޞަ ހުއްދައިގެ ސަބަބުން ހުރިހާ ކަމެއް އެފުށްފުށުން މިޖެހެނީ؟ ދެއްތޯ ދޮގެއްތަ މީ؟ ކޮވިޑްވެސް ފަތުރަނީ ހާއްސަ ހުއްދައިގެ ދަށުން ދޯ؟

    27
    3
    • ނައިކީ

      ވިޔަފާރިވެރިން ދެކެ ބިރުގަތީ.. ދެން އޯކޭ އަހަރެމެންގެ ސުޕާރީކޮޅު ސަލާމަތުން ލިބޭނެތާ

      13
      3
      • ޒިކް

        އެއީ ހާއްސަ ހުއްދައެއް ނޫން މަނާކޮށްފަ އޮތް ސުންގަޑި އިތުރުކުރީ.. އެއީ ޤާނޫނުން ދީފަ އޮތް ބާރެއް ރައީސްއަށް.. ހާއްސަ ހުއްދައިގެ މާނަ ލިއުންތެރިއާއަށް އެނގޭތޯ؟؟

        6
        8
  2. ސޭކު

    ދުވަސްކޮޅަކުން ދީނުގަ ހާރާން ކޮއްފައިވާ ކަންކަން ކުރަންވެސް ހާއްސަ ހުއްދަ ދޭންފަށާނެ ތޯއްޗެއް..

    20
    1
  3. އަހްމަދު

    ގާތްކުދިންކޮޅަކަށް ފުރުސަތެއްދެއްވަންޖެހުނީ އެހެންނޫންތޯ

    14
    1
  4. ރާއްޖެ

    މި ވާނީ އެމްޑީޕީ މީހެއްގެ ޝިޕްމަންޓް ތާށިވީމަ ގެނައި ބަދަލެއް ކަމަށް.

    19
    1
  5. އަބްދޫ

    މިކަމުންއެގެނި ދިވެހިރައްޖެއައި އެކަށީގެންނުވާ ފެންވަރުގެ ގާނޫނު ހަދަމުނަދާކަން. ރާއްޖޭގަ ޕްލާސްޓިކް މަނާނުކުރެވޭނެ. ރާއްޖެގަ މަނީލޯންޑްރިން މިކިޔާ ގާނޫނު ނުހިންގޭނެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގަ ހިންގާ ގާނޫނު ހެދުމުން ރާއްޖޭ ދާނީ ފަހަތަށް ، މިއަދު މިފެންނަނީ އެކަންކަން. ގާނޫނެއްހެދޭ އިރު ވަރަށް ވިސްނަންޖެހޭ.އަޅުގަނޑު މާބޮޑުއެންވައިރުމެންޓް މީހަކަށްހެދެން ދުނިޔޭގެ މީހުނަށް ދެއްކެން ގާނޫނުހެދީމަ ވާނީ އިރުކޮލަކުންބަދަލުގެނެސްގެން އެކަމައުޅެން.ރާއްޖޭގެ ފެންވަރުން ރާއްޖެގެ ގާނޫނުތައް ބައްތަންކުރީމަ ރައްޔިތުންގެ ކުރިމަތީއަގު ނުވެއްޓި ސަލާމަތް ވެވޭނެ.

    10
    1