ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމައިފިއެވެ.

ގޭމްއިން ވަނީ މިހާތަނަށް ފުވައްމުލައް ސިޓީ ކައުންސިލް, އައްޑޫ ސިޓީ ކައުންސިލް އަދި ނ.އަތޮޅު ކައުންސިލް މެމްބަރުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމުގައި ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހިންގުމަށް ހުރި ދަތިތައް ކަމުގައި އެ ފަރާތްތަކުން ހާމަ ކުރި ޓުއަރިސްޓް ބީޗެއް ނެތުމާއި، ޕިކްނިކް އައިލެންޑް އާއި ދަތުރުފަތުރުގެ އުދަނގޫތައް ކަމަށް ގޭމްއިން މައުލޫމާތުދެއެވެ.

ގޭމްގެ އަމާޒަކީ ސަރުކާރާއި ގުޅިގެން ހުރިހާ ސިޓީ ކައުންސިލް ތަކާއި، އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެކު ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް އަދި އެ ގެސްޓްހައުސްތައް މާރކެޓްކޮށް ރާއްޖޭގެ ޓުައަރިޒަމް ދާއިރާ ފުޅާ ކުރެވޭނެ މަގެއް ތަނަވަސްކޮށް ދިނުމެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގެސްޓު ހައުސްތަކަށްވެސް ވަނީ އޭގެ ލޮޅުން ވަރަށް ބޮޑަށް އަރާފައެވެ. މާލީ ގޮތުން ގެސްޓު ހައުސްތަކަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ދަނީ ލުއި ގޮތްތަކެއް ހޯދައިދެމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކަ ގޮތުން މޭމަހުގެ 30 އާ ހަމައަށް 425 ގެސްޓު ހައުސްއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމުންނާއި އަދި މިހާރު ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގެސްޓްހައުސްތަކަށް ވަނީ ކޮވިޑުން ލިބުނު ގެއްލުމުން އަރައިގަންނަން ކުރަމުން އައި މަސައްކަތައް ހުރަސް އެޅިފައެވެ.