އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރާއްޖެ އެތެރެކުރުން މިއަދުން ފެށިގެން މަނާކޮށްފައިވާ ތަކެއްޗަށް ބަދަލު ގެނެސްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސް މިއަދު އިޞްލާޙް ގެންނެވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށްފައި ކަމަށެވެ.

އެގޮތުން ގެންނެވި އިޞްލާޙްތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، މަނާ ކުރާ ތާރީޚްއަކީ 31 ޑިސެންބަރު 2021 ކަމުގައި ކަނޑައަޅުއްވައި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކުރައްވާފައެވެ. އަދި، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައެވެ.

ނަމަވެސް ސުޕާރީ ޕެކެޓް އެތެރެ ކުރުން މަނާކޮށްފައި އޮތް އޮތުން ވަނީ ދަމަހައްޓާފައެވެ.

މި އިޞްލާޙް އާއެކު ބަދަލު އައިސްފައިވާކަންކަން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސް ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭއެމް

    އަމާބުނީމަ ފަރައްދާހެން ހަދާގާނޫނުގެ ބޭނުން ނުހިފޭނެ !!! ވިޔަފާރަވެރިޔާ ރޮއިގަތީމަ ވެރިޔާ ކަރުނައޮހޮރުވާލުމުން ގާނޫނުގެ ބޭނުން ނެތީ ކުރަންވާ ކަމެއް ނުކޮއް ދޫކޮއްލަންޖެހޭކަމެއް އެޣެވަރުގެ ބަޔަކު ސަރުކާރުގަ ނެތީ

  2. ޢައއްތު

    އަ ދި ސުޕާރީއަށްވެސް ހުއްދަ ދޭނެ..