ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފިއެވެ. މިއީ ކޮވިޑް ބަލިމަޑުކަން ފެށުންފަހުން ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަަހަރެެވެ.

ތެލުގެ އަގު އުފުލެން ފަށާފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ތެޔޮ އުފައްދަމުން އަންނަ އެންމެ ވަރުގަދަ އެއް ގުރޫޕު، އޯޕެކް ޕްލަސްއިން ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭނެ އަދަދު މަދުކުރަން ނިންމުމުންނެވެ.

ސައުދީ އަރަބިއާ އާއި ރަޝިއާއިން އިސްވެ އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ބުނެފައިވަނީ ކޮވިޑް-19 އާލަމީ ވަބާއާއި ގުޅިގެން ދަށްވެފައިވާ ތެލުގެ ޑިމާންޑް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ބާޒާރަށް ތެޔޮ ނެރޭނީ މަޑުމަޑުން ކަމަށެވެ. މި ނިންމުމާއި ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 3 އިންސައްތައަށް އިތުރުވެ، މިހާރު ވަނީ 71.34 ޑޮލަަރަށް އަރާފައެވެ.

30 މިނެޓަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު، އޯޕެކް ޕްލަސް މިނިސްޓަރުން އެއްބަސްވެފައިވަނީ އެ ގުރޫޕުގެ ނިންމުމާއި އެއްގޮތަށް ޖުލައި މަސް ފެށެން ވާއިރަށް މިހާރު ތެޔޮ ބާޒާރަށް ނެރޭ ވަރަށްވުރެ އިތުރުކުރާށެވެ.

އޯޕެކް ޕްލަސްއިން ތެލުގެ ޑިމާންޑް އިތުރުވެ، ތެޔޮ ވިޔަފާރިއަށް ކުރިމަގު ފެންނަމުން ދާކަމަށް އެއްބަސްވި ނަމަވެސް، މަޑުމަޑުން ތެޔޮ ބާޒާރަށް ނެރެން ނިންމާފައިވަނީ ޖަޕާނާއި އިންޑިއާ ފަދަ ގައުމުތަކުގައި ކޮވިޑުގެ ވޭދަނަތައް އިތުުރުވަމުންދާތީ، އަދިވެސް ބައެއް ގައުމުތަކުގެ ހާލަތު ގޯސްވެ ތެލުގެ ޑިިމާންޑަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާތީއެވެ.

މިދިޔަ އަހަރު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ތެލަށް އޮތް ޑިމާންޑް ދަށްވެގެން ދިޔައިރު ވެސް ސައުދީ އަރަބިއާ ފަދަ ތެޔޮ އުފައްދާ ބޮޑަތި ގައުމުތަކުން ބާޒާރަށް ތެޔޮ ނެރޭ މިންވަރާއި އުފައްދާ މިންވަރު ދަށް ކޮށްފައެެއް ނުވެއެވެ. މިކަމާއި ގުޅިގެން ތާރީހުގައި ވެސް އަގު ދަށްވެފައިނުވާ ވަރަށް ތެލުގެ އަގު ދަށުގައި ވަނިކޮށް އޯޕެކް ޕްލަސްގެ މަޝްވަރާތަކާއި އެއްގޮތަށް ތެޔޮ އުފައްދާ މިންވަރު މަދުކޮށް ތެލުގެ އަގު މަޑުމަޑުން މަތިކުރަމުން ގޮސް އޭރު ދަށްވި ވަރަށް ވުރެ 35 އިންސައްތަ އަގު މަތިކުރިއެވެ.

ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނަމުންދަނީ ގައުމުތަކުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އިގްތިސާދު ހިނގައިގަންނަން ފަށާފައިވާތީ ތެލަށް އޮންނަ ޑިމާންޑް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.