ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ސްޓިއަރިން ކޮމިޓީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމެވެ. އެގޮތުން ޓޫރިޒަމް ފުޅާކޮށް އޮންނަ އަތޮޅުތަކާ ރަށް ރަށް އަދި ސިޓީތަކުގައި ވެސް ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ރިޒަމް އިންޑަސްޓްރީގެ ޖަމްއިއްޔާތަކުގެ މަޝްވަރާއާއެކު އެކުލަވާލި މި ކޮމިޓީގައި 11 މެމްބަރުން ހިމެނެއެވެ. ކޮމެޓީގެ ޗެއާއަކީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމްއެވެ.

އޭގެ އިތުރުން ދެން ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަނޑައަޅާ މެމްބަރެކެވެ.

އަދި މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓަރސް، މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި މިނިސްޓްރީ އޮފް ހޯމްއެފެއަރޒް، ތަމްސީލުކުރައްވާ މެންބަރުންވެސް ކޮމެޓީގައި ހިމެނެއެވެ.

މި ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީގައެވެ. މިހާރު ވަނީ މިކަމަށްް ހާއްސަކޮށް ޓާސްކުފޯހެއްް ވެސް އެކުލަވާލައިފައެވެ.