ހަކުރު ބަލިން ސަލާމަތް ކޮށްދޭނެ ކަމަށް ބުނާ އުފެއްދުމެއް ދިވެހިންނަށް ހާއްސަކޮށް ބައެއް ފޭސްބުކް ޕޭޖްތަކާއި ވައިބާ ގްރޫޕްތަކުގައި އިސްތިހާރު ކުރަމުން އެބަގެންދެއެވެ.

ލިބެން ހުރި މައުލޫމާތައް ބަލާއިރު "ޑައިބެޓިކް ފްރީޑަމް" ނަމަކަށް ކިޔާ މި ޕްރޮގްރާމްގެ ލިންކް އަންނަނީ ދިވެހިންގެ ތެރޭގައި ވެސް އިސްތިހާރު ކުރަމުންނެވެ. މިއީ ސިއްހަތައް ފައިދާ ހުރި ގޮތައް ހަކުރު ބަލިން ސަލާމަތް ވެވޭނެ ގޮތައް ކަންކަން ރާވައިދޭނެ ޕްރޮގްރާމެއް ކަމަށް ބުނެފައި ވެއެވެ. މި ޕްރޮގްރާމްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މިއީ ޑައިބެޓިކް ޓައިޕް-2 އިން ސަލާމަތް ކޮށްދޭނެ ޕްރޮގްރާމެކެވެ.

"ގިނަ އަންހެނުންނާއި ފިރިހެނުންގެ ހަކުރުބަލީގެ ހާލަތު ގޯސްވެގެން ދާން މެދުވެރިވާ ސަބަބަކީ ދިރިއުޅުމުގައި ރަނގަޅު އާދަތަކެއް ނުހިފެއްޓުން." ޕްރޮގްރާމްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ނަމަވެސް މިއީ އިސްތިހާރުގައި ބުނާ ފަދަ ގޮތަކަށް ހަކުރު ބަލިން ސަލާމަތް ވެވިދާނެ ޕްރޮގްރާމެއްކަން "ވަގުތު" އަށް ކަށަވަރެއް ނުވެއެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވި ޑޮކްޓަރަކު ވިދާޅުވީ ހަކުރު ކޮންޓްރޯލް ކުރުމަށް ދިރިއުޅުމުގެ އާދަތައް އެންމެ ރަނގަޅަށް ބެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ކޮންމެ މީހަކު ވެސް އޭނާގެ ޑޮކްޓަރާއި މަޝްވަރާ ކުރުން މުހިއްމު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ވީޑިއޯ މެދުވެރިކޮށް ވެސް މައުލޫމާތުތައް ދޭނެއެވެ.

ޑައިބެޓިކް ފްރީޑަމްގެ ވެބްސައިޓް

"ވަގުތު" އަށް މައުލޫމާތު ދެއްވި ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ މިހާރު މި ޕްރޮގްރާމްގެ މަގުބޫލުކަން އިތުރުވެފައިވާ އެއް ސަބަބަކީ ކޮވިޑް-19 ޖެހޭ ހަކުރު ބަލީގެ މީހުންނަށް އިތުރު މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް އިންޓަނެޓް އިން ފެންނަ މިފަދަ ކޮންމެ އެއްޗަކަށް ބަރޯސާވުމުގެ ބަދަލުގައި ސައްހަ މައުލޫމާތު ހޯދުން ވަރަށް މުހިއްމު." އޭނާ ވިދާޅުވިއެވެ.