ފާއިތުވި މޭ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ތިން އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މޭ މަހު މިޢަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 17 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު ހުސްވި މޭ މަހު 10 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ މޭ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މޭ މަަހު 240 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެއިތުރުން ފާއިތުވި މޭ މަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ވަނީ 38 އިންސައްތަ ދަށްވެފައިވެއެވެ.

މިދިޔަ އަހަރުގެ މޭ މަހު 326 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 201 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މި އަހަރުގެ މޭމަހު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައި ވަނީ މޭމަހުގެ ތެރޭގައި ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާތީކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ 38 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ފަރަންސޭސިވިލާތަށް 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 6 އިންސައްތަ އަދި އިނގިރޭސިވިލާތަށް 5 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.