ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިތަަށް އެހީވުމަށް އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ލޯނު ދޫކުރެވޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނުހަނު ބޮޑަށް ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

ރާއްޖޭގެ އިިގްތިސާދުގެ މައިގަނޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވާއިރު، ބީއެމްއެލް އިން ވިދާޅުވީ، މި ސިނާއަތުން ސީދާކޮށް ލިބޭ އާމްދަނީން ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުމާ ވެސް ގުޅިފައިވަނީ މި ސިނާއަތާއް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެ ކުރީގައި އޮތް ބީއެމްއެލުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެ ބޭންކުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ، މި ފަންޑިންގ ހަމަޖެހިގެން މިދިޔައީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އެބޭފުޅުން މަސައްކަތް ކުރަމުންދާ ނުހަނު ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ.

”ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއްކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއްވެސްމެ." ސީއީއޯ ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިވެހިރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށާއި މި ޕްރައިވެޓް ސެކްޓަރ ފަންޑިންގ އާއެކު ރާއްޖޭގައި ގާއިމްކޮށްފައި ބަދަހި ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.

”އޯޕެކް އާއި ދިވެހިރާއްޖޭގެ ގުޅުން 19977 ވަނަ އަހަރު އުފެދުނީއްސުރެ މިވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ތަރައްގީގެ މުހިންމު ޕްރެޖެކްޓްތަކަށް އޯޕެކް ފަންޑުން މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. ފައިނޭންސް ބޭންކް އޮފް މޯލްޑިވްސް އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައި. އަޅުގަނޑުމެންގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ. މިއީ އިގްތިސާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއް." އަބްދުލްހާމިދު ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ.

އޯޕެކް ފަންޑުގެ އެހީގައި ގިނަ އަހަރުތަކެއް ވަންދެން މިވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އަށް ލޯނު ދޫކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބަައެއް ހިއްސާ ކުރަނީ ދަތުރު ފަތުރުގެ ނިޒާމް، މަލްޓި-ސެކްޓޯރަލް، ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާއެވެ. މި ލޯނަކީ ޕާޓްނަރ ގައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރަިގަތުމަށްއެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރެވުނު އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްސީލް ބޭންކް އޮފް މޯލްޑިވްސް އިން ފަހުން ހާމަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު