ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައިފައެވެ.

އެ ރަށްތަކަކީ، ހއ. ވެލިފިނޮޅު، ހއ. އަލިދުއްފަރު ފިނޮޅު، ހދ. ކުޑަފަރު ފަސްގަނޑު، މ. ސީދީ ހުރާ، މ. މާއުސްފުށި، ތ. ކާއްޑޫ، ތ. ކަނިމީދޫ، ތ. އޮޅުފުށި، ލ. ކަށިދޫ، ލ. ބޮޑުމުންޏަފުށި، ލ. ދޮންބެރެހާ، ގއ. މާރެހާ، ގއ. ފުނަދޫވިލިގިއްލާ، ގދ.ކަނޑަހަލަގަލާ، ގދ. ކަޑެވާރެހާ، ގދ. ފެރޭތަވިލިގެއްލާއެވެ.

އެ ރަށްތަކަށް ބީލަން ހުށަހަޅަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ހުޅުވައިލިއިރު، ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ އިއްޔެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ 18 ބީލަން ފޮތް ގަނެފައިވާއިރު ނުވަ ފަރާތަކުން ތަފާތު ހަތް ރަށަކަށް 13 ބީލަން ހުށަހެޅި ކަމަށެވެ. އަދި ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޯސްޓް ކުޑަކޮށްފައިވާތީ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު