ގައުމީ އެއާލައިން މޯލްޑިވިއަނުން ޑާކާއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އަންނަ މަހުގެ 15 އާއި ހަމައަށް އިތުރު ކުރަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ޑާކާއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެގޮތުން މޯލްޑިވިއަނުން ޑާކާއަށް ދަތުރުތައް މެދުކަނޑާލީ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިއަދު މޯލްޑިވިއަނުން ބުނީ، ޑާކާއަށް ކުރާ ދަތުރުތައް ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ ދަތުރުތައް އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާއިރު، އެކަމާއި ބެހޭ އިތުރު މައުލޫމާތެއް މޯލްޑިވިއަނުން ހާމަ ކޮށްފައެއް ނުވެއެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ޑާކާ އަށް ވަނީ ހަފްތާއަކު ހަތަރު ދަތުރު ބާއްވާފައެވެ. މީގެ ކުރިން ޑާކާ އަށް ފްލައިޓްތައް ބާއްވަމުން ގޮސްފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުދަ އަދި ހުކުރު ދުވަހުއެވެ. އޭރު މޯލްޑިވިއަނުން ޑާކާއަށް ސީދާ ފްލައިޓުތައް ބާއްވާފައި ވަނީ އަންގާރަ އަދި ހުކުރު ދުވަހުއެެވެ.

މޯލްޑިވިއަން އިން ރާއްޖެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް ކުރާއިރު، ކޮވިޑްގެ ސަބަބުން ރާއްޖޭގައި ތިބި ގައުމަށް ދާން ބޭނުންވެފައިވާ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ގެންދިއުމުގައި އެންމެ ފުޅާކޮށް މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން އިންނެވެ.