އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޑޭޓާގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މި ބަދަލާ އެކު، ސަރުކާރުން އިއުލާން ކުރި ތިން ޕެކޭޖް ފައިބަ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އަފްޓަ އެލަވަންސް" 300ރ. އަށް ވުރެ ދަށް ޕެކޭޖްގެ ދެ އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރުކޮށްފައެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މި ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތަކެއް އިންޓަނެޓު މެދުވެރިކޮށް ކުރެވޭނެއެވެ. އެޮތުން މިހާރު ކަސްޓަމަރުންނަށް %100 އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބޭނެއެވެ. އެހެންކަމުން ޑޭޓާގެ އަގުތައް މިހާރު ވަނީ %50 ހެޔޮވެފައި ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ބަދަލު އެ ކުންފުނީގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށެވެ. އެހެންކަމުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެއެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގޯންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.