ޓާޓާ ފްލެޓް
ޓާޓާ ފްލެޓް

އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އަރައްބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓުން ކޯރޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ. ފްލެޓެއް ވިއްކަން ހަމަޖެހިފައި ވަނީ ދެމިލިއަން ރުފިޔާ އަށެވެ.

އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކޮށްފައިވާ 30 ފްލެޓަކާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 75 ފްލެޓް ވިއްކާލަން ވަނީ އިއުލާން ކޮށްފައެވެ.

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯރމް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އމި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯރމް ހުށައެޅުމުގެ ފުރުޞަތު 4 ޑިސެމްބަރު 2017 ވާ  ހޯމަދުވަހުގެ ހެނދުނު 9 ން މެންދުރު 2 އަކަށް ހުޅުވާލާއިރު، ފްލެޓް އިޙްތިޔާރުކުރުމުގެ ފުރުޞަތު ދޭނީ ފުރަތަމަ ފޯމް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި ފްލެޓްތަކަށް އެދި ހުށައަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ހިމެނެނީ 21 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި، ކައިވެނިކޮށްގެން އުޅޭ މީހެއްކަމުގައިވުމާއި ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނުވަތަ ބިމެއް ގަނެފައި ނެތުމާއި ފޯރމްހުށައަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނުވަތަ ބިމެއް ގަނެފައި ނެތުމާއި 21 އަހަރު ނުފުރޭ މަދުވެގެން 1 ކުއްޖަކު ހުރުން ހިމެނެއެވެ. އެކަނިވެރި މައިން ނުވަތަ ބަފައިންނަށްވެސް ފްލެޓްގަތުމަށް އެދި ފޯރމް ހުށައެޅޭނެކަމަށް ވެސް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

މި 105 ފްލެޓް ގަތުމަށް ފޯރމްދޫކުރުމަށް ނިންމާފައިވަނީ އެއް ލައްކަ ރުފިޔާގެ ބޭންކް ގްރެންޓީއެއް ގެންނަ ފަރާތްތަކަށެވެ. ބޭންކް ގެރެންޓީގެ މުއްދަތަކީ ފޯމް ހުށައަޅާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ހަމައެހެންމެ ބޭންކް މެދުވެރިކޮށް ފައިސާ ދައްކަވާ ފަރާތްތައް ފައިނޭންޝަލް ސްކްރީނިންގ ހެދުމަށް ބޭންކްތަކަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚުކަމަށްވާ 12 ޑިސެމްބަރު 2017 ވާ އަންގާރު ދުވަހުގެ 13:00ގެ ކުރިން ފައިނޭންޝަލް ސްކްރީނިންގއަށް އެދި އެފަރާތަކުން އިޙްތިޔާރުކުރާ ބޭންކަކަށް އެދި ހުށައަޅާން ޖެހޭނެއެވެ.

މި ފްލެޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯރމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 7 ޖެނުރައީ 2018 ވާ އާދިއްތަ ދުވަހުއެވެ.

ފްލެޓްގެ އަގު އެއްފަހަރާ ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅާ ދުވަހު ދެ މިލިއަން ރުފިޔާގެ ބޭންކް ގެރެންޓީ ޗެކެއް ހުށައަޅަން ޖެހޭނެއެވެ. ބޭންކް މެދުވެރިކޮށް ފްލެޓް ގަންނަ ފަރާތެއްނަމަ، ލޯން ހަމަޖެހުނުކަމުގެ ލިޔުން ހުށަހެޅުމަށް ޖަނަވަރީ 30 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

ADS BY ASTERS

5 ކޮމެންޓް

  1. ރަނގަޅުތާއެވެ. މާލެއިން ފްލެޓެއް ގެ އަގު ދެ މިލިޔަނަށް އަރާ އިރު ހަތަރު ލައްކަ އަށް ބިން އެބަ ގަނެއެވެ. އަރަތެއްނޫންތޯއެވެ.؟؟؟؟؟

  2. ބާރަށް އަތްޖަހާ

    ތީކީ ވިއްކާކަށް މީޙަކު އެޅި ފްލެޓް ތަކެއް ނޫން.

  3. ތިތަކުން ފްލެޓް ގަތުމަކީ އެއް ގޮތަކަށްވެސް ރަނގަޅު އިންވެސްޓްމެންޓެއް ނޫން. އަދި އަމުދުން ބީއެމްއެލް ލޯނެއް ނަގައިގެން ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން.

  4. އެކަނިވެރި ބަފައިން ނެކީ އުޅޭ ބައެއްތަ. ދިވެހިރާއްޖޭގައި އުޅޭބައެއް ނޫނެއްނޮއް އެއީ އެއް.. އަބަދުވެސް އުޅެނީ އެކަނިވެރި މައިންނެއްނޮއް.. އެކަނިވެރި ބަފައިންނައް ވެސް ސަރުކާރުން ރުފިޔާ ދޭންޖެހޭނެ. އެކަނިވެރި މައިންނައް ރުފިޔާ ދެއްޏާ...

  5. ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯރމް ހުށައެޅުމުގެ ފުރުޞަތު 4 ޑިސެމްބަރު 2017 ވާ ހޯމަދުވަހުގެ ހެނދުނު 9 ން މެންދުރު 2 އަކަށް ހުޅުވާލާއިރު،....މި ފްލެޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯރމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 7 ޖެނުރައީ 2018 ވާ އާދިއްތަ ދުވަހުއެވެ.

    ސާފުކޮށްދިނުން އެދެން!