ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު ކަމަށް އިބްރާހިމް ނާހިދު ހަމަޖައްސައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސް އެންޑް ރިސޯޓްއާ ނާހިދު ގުޅިވަޑައިގަތުމާ އެކު އޭނާ މަސައްކަތް ކުރައްވާނީ އޯވަރޯލް އޮޕަރޭޝަންތަކާއި ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ލީޑް ކުރާ މުވައްޒަފެއްގެ ގޮތުގައެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޓީމާ ގުޅިވަޑައިގެން ނާހިދު މަސައްކަތް ކުރައްވަނީ މިހާރަށް ވުރެ ވެސް ބޮޑަށް ފަތުރުވެރިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށެެވެ.

ޕެރެޑައިސްގެ ޓީމާ ގުޅިވަޑައިގަތުމުގެ ކުރިން ނާހިދު ވަނީ ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ލަގްޒަރީ ރިސޯޓުތަކުގައި މަސައްކަތްކޮށް، އޭނާ ވަނީ ކާމިޔާބީ އާއި ތަޖުރިބާ ހޯއްދަވައިފައެވެ.

ތަފާތު އެކި ރިސޯޓުތަކާއި އެކި މާހައުލުމަތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ ނާހިދު ވަނީ ދުނިޔެއަށް ނަން މަޝްހޫރު ކުންފުނިތަކުން ހިންގާ ރިސޯޓުތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، ޗެވަލް ބްލެންކް ރަންދެލި މޯލްޑިވްސް އާއި ސިކްސް ސެންސެސް ރިސޯޓްސް އިން އޯމަން އަދި ކޮހް ޔޯ ނޮއި ތައިލެންޑް ފަދަ ރިސޯޓުތަކުގައި މަސައްކަތް ކުރެއްވިއެވެ.

ނާހިދު ވަނީ އިންގްލޭންޑުގެ އެންޖަލިއާ ރުސްކިން ޔުނިވާސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް ފުރިހަމަ ކުރައްވައިފައެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްތަކުގެ މިޝަންއަކަށް ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓާއި ރައްޓެހި ބަޔަކަށް ވެގެން ދިޔުމަކީ ނާހިދުގެ ތަސައްވުރެކެވެ.

"ރާއްޖޭގެ ހިތްގައިމު މާހައުލަކީ މިހާތަނަށް އަހަރުމެންނަށް ލިބިފައިވާ އެއް ހަދިޔާ. އެ ރީތިކަން އެގޮތުގައި ކުރިޔަށް އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ އަހަރެމެންގެ ޒިންމާއެއް ކަމުގައި ދެކެން. އެންމެ މުހިންމު ކަމަކަށް އެބަޖެހޭ ޒުވާން ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރާނެ ގޮތްތައް ކިޔައިދޭން. މިހާރު ރާއްޖޭގެ ސުކޫލުތަކާއި ގުޅިގެން ދަރިވަރުންނާއި ޒުވާނުންނަށް އެފަދަ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ އެޑިއުކޭޝަނަލް ޕްރޮގްރާމްތައް އެބަ ހިންގާ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ މައުލޫމާތުތައް ޒުވާނުންނަށް ފޯރުކޮށްދީ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައި" ނާހިދު ވިދާޅުވިއެވެ.