ގަލްފް ގައުމުތަކުގެ އެންމެ ވަރުގަދަ އެއާލައިންތައް ކަމަށްވާ ޤަތަރު އެއާވޭސް އާއި ޔޫއޭއީގެ އެމިރޭޓްސް އެއާލައިނާއި ވާދަކުރުމަށް ސައުދީ އަރަބިއްޔާ އިން އާގައުމީ އެއާލައިނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާ އިން އާގައުމީ އެއާލައިނެއް އުފައްދަނީ ގައުމުގެ އިޤުތިޞާދު ތެލަށް ބަރޯސާވުން ކުޑަކުރުމަށް ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުންނެވެ. މުހައްމަދު ބިން ސަލްމާންގެ އެންމެ ބޮޑު އެއް އަމާޒަކީ ސައުދީ އަރަބިއްޔާ އަކީ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޓްރާންސިޓް ހަބަކަށް ހެދެމެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އިން އާގައުމީ އެއާލައިނެއް އުފައްދަން އުޅޭ ކަމަށް ބުނާ ޚަބަރު ސައުދީ އަރަބިއްޔާގެ ސަރުކާރުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. އެކަމާއި ގުޅޭ ގޮތުން "ރޮއިޓާސް" އިން ސުވާލު ކުރުމުން ވެސް ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން އަދި ޖަވާބެއް ނުދެއެވެ.

ސައުދީ އަރަބިއްޔާ އިން އާއެއާލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު ގަލްފް ގައުމުތަކުގެ ބޮޑެތި އެއާލައިންތަކަށް ވެސް ކޮވިޑް އާއި ގުޅިގެން ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. ޤަތަރު އެއާވޭސް އާއި އެމިރޭޓްސް އަށް ވެސް މިހާރު ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްދާއިރާއެވެ. ސައުދީ އަރަބިއްޔާގެ އިގުތިޞާދަށް ގެންނަ ބަދަލުތަކުގެ ދަށުން އެގައުމު މިހާރު ވަނީ ފަތުރުވެރިންނަށް ވެސް ހުޅުވާފާއެވެ. ވަލީއަހްދު މުހައްމަދުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާއިރަށް އަހަރަކު 100 މިލިއަން ފަތުރުވެރިން ސައުދީ އަރަބިއްޔާ އަށް ގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު