ކޮންމެ މަހެއްގެ ފަހުކޮޅަށްދާ އިރު، އިންޓަނެޓުގެ ސްޕީޑް "ގުޑާ" ނުލާނެއެވެ. ޔޫޓިއުބުން ވީޑިއޯއެއް ނުވަތަ ނެޓްފްލިކްސް އިން ފިލްމެއް ބަލާ ހިތްނުވާ ވަރަށް ސްޕީޑް ދަށްކޮށްލައެވެ. މީގެ ކުރިން ނަމަ، އެއްޗެއް ލޯޑު ކުރެވޭނީ ވަރަށް ހާލުގައި އުޅެގެންނެވެ. އެކަމަކު، އެއީ މިހާރު މާޒީއެވެ. ބައެއް ދިވެހިން ކުރި ޝަކުވާ އަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިމުން އައިސްފައެވެ. ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ އިން ވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރަން ނިންމައިފައެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑްގެ އަގު މިހާރު ވަނީ ހެޔޮކޮށްފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އިންޓަނެޓުގެ އަގަށް އަދި ސްޕީޑަށް ވެސް މިހާ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

"އިންޓަނޭޓް އަގުހެޔޮވި ވަރާ މެދު ހިތްހަމަޖެހޭ، ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ސަރުކާރު، އެއްވެސް ސަރުކާރަކަށް ނުވިކަމެއް އިންޓަނޭޓް އަގުހެޔޮ ކުރުން". މިއީ ރާއްޖޭގައި އިންޓަނޭޓް އަގުހެޔޮ ކުރުމަށް މި ސަރުކާރުން ފެށި މެގަ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ ދަށުން ލިބުނު ހިތްހަމަ ޖެހުމުގެ ވާހަކަ ޓްވިޓާގައި ހިއްސާ ކުރި މީހަކު ބުންޏެވެ.

އެއީ ތެދެކެވެ. މިއީ އެއްވެސް ސަރުކާރަަކުން ވި ކަމެއް ނޫނެވެ. އެތައް ދުވަހެއް ވަންދެން އެތައް ބަޔަކު ކުރި ޝަކުވާއެވެ. އެތައް ގައުމުތަކާއި އަޅުވައި ކިޔައި ރާއްޖޭގެ އިންޓަނޭޓް ސްޕީޑާއި، އިންޓަނޭޓުގެ އަގުގެ ވާހަކަ މީސް މީޑިއާގައި ދައްކާލި އެތައް ރައްޔިތުންނާ ގުޅުން ހުރި ވާހަކައެކެވެ.

އިންޓަނޭޓް އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ނުފުއްދި ލަސްވާތީ އެތައް ބައެއްގެ ފާޑުކިއުން ވެސް ސަރުކާރަށް އަމާޒުވިއެވެ. އެ ވައުދު ފުއްދީ އެކަން ނުކުރެވޭނެ ކަމަށް ބުނެ އެތައް ބަޔަކު ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒުކުރިއެވެ.

އިންޓަނޭޓް އަގުހެޔޮ ކުރުމާއެކު އެތައް ބައެއްގެ ތައުރީފް ސަރުކާރަށާއި، ދިރާގާއި އުރީދޫ ކުރިއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ސަރުކާރުން ނެޓް ހެޔޮ ސިޔާސަތުގައި ކަނޑައަޅާފައިވާ އަގަށްވުރެ ހެޔޮކޮށް ދިރާގާއި އުރީދޫން ވަނީ އަގުތައް ކަނޑައަޅާ އިއުލާނުކޮށްފައިވެއެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑްތަކަށް ގެނައި ބަދަލު!

ދިރާގުންވެސް މި ވަނީ ދިވެހިންނަށް އަގުހެޔޮ އިންޓަނޭޓް ފޯރުކޮށްދިނުމުގެ މަގްސަދުގައި ދިރާގު ފައިބާ ހޯމް ބްރޭންޑްގެ ޕެކޭޖްތަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ދިރާގުން ވަނީ 250 ރުފިޔާއަށް 30 ޖީބީ ލިބޭ 5 އެމްބީޕީއެސް ޕެކޭޖަކާއި، 490 ރުފިޔާ އަށް 120 ޖީބީ ލިިބޭ 15 އެމްބީޕީއެސް ޕެކޭޖެއްގެ އިތުރުން، 690 ރުފިޔާއަށް 200 ޖީބީ ލިބޭ 25 އެމްބީޕީއެސްގެ ޕެކޭޖެއް ތައާރަފްކޮށްފައެވެ.

"ސަރުކާރުން މި އިއުލާނުކޮށްފައިވާ ގޮތަށް، އަޅުގަނޑުމެންގެ ޕެކޭޖްތަކަށް މި ގެނެވުނު ބަދަލާއެކު %28 އާއި %30 އާ ދެމެދުގެ ކުޑަ އަގުތަކެއްގައި މި ޕެކޭޖްތައް ލިބިވަޑައިގަންނަވާނެ".

މީގެ އިތުރުން، ދިރާގުން ވަނީ ޑޭޓަ އެލަވެންސް ހުސްވުމުން ދެން ލިބޭ ސްޕީޑްވެސް ދިރާގުން ވަނީ އެންމެ ކުޑަ ޕެކޭޖް ފިޔަވާ ދެން ހުރި ޕެކޭޖްތަކަށް ފަސް އެމްބީޕީއެސްއަށް މަތިކޮށްފައެވެ. އަދި އެންމެ ކުޑަ ޕެކޭޖްވެސް ދެ އެމްބީޕީއެސްއަށް ވަނީ މަތިކޮށްފައެވެ.

އެހެންކަމުން މިއީ ކުރިން ލިބޭ ސްޕީޑް އާފްޓަރ އެލަވެންސްގެ ދެ ގުނަ އާއި ފަސް ގުނަ އާއި ދެމެދުގެ ސްޕީޑެއްކަމަށް ދިރާގުން ބުނާއިރު، މި ބަދަލާއެކު އެލަވެންސް ހުސްވިކަމުގައިވިޔަސް އިންޓަނޭޓްގެ ބޭނުން އަރާމުކަމާއެކު ކުރެވޭނެއެވެ.

އުރީދޫ ސުޕަނެޓަށްވެސް ހެޔޮ ބަދަލު ތަކެއް!

އުރީދޫންވެސް ތައާރަފްކުރީ ސުޕެނެޓު އާ ހަތަރު ޕެކޭޖެކެެވެ. ކަސްޓަމަރުންނަށް ލުއި ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ 250 ރުފިޔާއަށް 30 ޖީބީ ލިބޭ ޕެކޭޖަކާއި، 400 ރުފިޔާއަށް 65 ޖީބީ ލިބޭ ޕެކޭޖަކާއި، 500 ރުފިޔާއަށް 130 ޖީބީ ލިބޭ ޕެކޭޖެއްގެ އިތުރުން 700 ރުފިޔާއަށް 210 ޖީބީ ލިބޭ ޕެކޭޖެއް ތައާރަފްކޮށްފައެވެ.

އުރީދޫންވެސް ވަނީ އެލަވެންސް ހުސްވެ، ދެން ބޭނުން ކުރާ ތްރޮޓްލް ސްޕީޑަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެެވެ. އެގޮތުން 30 ޖީބީ އެންމެ ކުޑަ ޕެކޭޖް ފިޔަވާ ދެން ހުރި ޕެކޭޖްތަކަށް ފަސް އެމްބީޕީއެސްއަށް ސްޕީޑް ވަނީ މަތިކޮށްފައެވެ. އަދި 30 ޖީބީގެ ޕެކޭޖްވެސް ދެ އެމްބީޕީއެސްއަށް ވަނީ މަތިކޮށްފައެވެ.

މި ދެ ކުންފުނިންވެސް މި ޕެކޭޖްތައް ތައާރަފްކޮށްފައިި ވަނީ ސްޕީޑްވެސް އަވަސް ކުރުމަށްފަހުއެވެ. އަދި ޑާޓާ އެލަވެންސްވެސް %100 ބޮޑު ކުރުމަށްފަހުއެވެ. އަދި އަގުތަކަށްވެސް %50 ގެ ހެޔޮ ބަދަލެއް ގެނެެސްފައެވެ.

ގެނައި ބަދަލާއެކު ރައްޔިތުންނަށް އުފާވެރިކަން!

އިންޓަނެޓްގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެތައް ދިރާސާތަކެއް ކުރިއެވެ. އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވީ އެހެންވެ ކަމުގައި ވެދާނެއެވެ. އިންޓަނޭޓްގެ ސްޕީޑަށާއި، އިންޓަނޭޓްގެ އަގަށް މި ގެނައި ހެޔޮ ބަދަލު މިި މަހު ފެންނަން ފަށާފައިވާއިރު، ބައެއް މީހުންނަށް މިކަންމިވީ ހަމަ ސީދާ "އަރާމު"ގައި އުޅެލަން ލިބުނު ފުރުސަތަކަށެވެ.

ކުރިން ލޯޑް ނުވެ އެތައް އިރެއް އިންނަން ޖެހުމާއި، އަވަހަށް ޖީބީ ހުސްވުމާއި، ޖީބީ ހުސްވުމުން ޑޭޓާ ތްރޮޓްލްވެ ބޭނުން ނުކުރެވޭ ގޮތްވުން ފަދަ ކަންކަމަކީ ދެން މާޒީވެގެން ދާނެ ކަންކަމެވެ. ނެޓަށް ކުރާ ހަރަދަށް މާބޮޑު ބަދަލެއް ނަައިކަމުގައިވިޔަސް، މިއީ ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެވެ. އާ ސްޕީޑުން ލިބެނީ އުފަލެވެ.

ނެޓް ހެޔޮ ވުމާއެކު ބައެއް މީހުން ވަނީ ސަރުކާރަށާއި ބޮޑު ދެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. އެހެންކަމުން މިއީ އެ މީހުން އެތައް ދުވަހެއް ވަންދެން ބޭނުންވެފައި ތިބި ކަމެއް ކަން މި ވަނީ އެނގިގެން ގޮސްފައެވެ.

އަދި އެއްބަޔަކު ބުނަނީ މިއީ ހަމަ ތާރީހީ ދުވަހެއް ކަމަށާއި، އިންޓަނޭޓް ހަބޭސް ކަމަށެވެ.

އިންޓަނޭޓުން ލިބެންވީ އުފަލަކާއި އަރާމު މިހާރު މާބޮޑަށްވެސް ދިވެހިންނަށް މި ވަނީ ލިބިފައެވެ. ބޭނުންވާ ސްޕީޑްގައި ބޭނުންވާ ފެންވަރުގައި ހިދުމަތް ލިބެމުންދާއިރު، އިންޓަނެޓްގެ އަގާއި ސްޕީޑަށް ގެނައި އުފާވެރި ބަދަލުތައް ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެއެވެ.

ދިރާގާއި އުރީދޫން ވަނީ މޮބައިލް އިންޓަނެޓުގެ އަގަށް ވެސް ބަދަލު ގެންނަން ނިންމައިފައެވެ. އެކަމަކު، އެ ބަދަލަށް އަމަލު ކުރަން ފަށާނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެކު، އެ ވަސީލަތް އެންމެ ބޭނުން ގޮތުގައި ހިފުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލިބެ

    އަހަރެމެން އެއް ގޮތަކަށްވެސް ހިތްހަމައެއް ނުޖެހެ އަހަރެމެނަކީ ފޯނުން ނެޓް ބޭނުންކުރާ މީހުން ގިނަވާނީވެސް މޯބައިލް ނެޓް ބޭނުންކުރާ މީހުން

    30
  2. ރާއްޖެތެރޭ ހާލަތު

    ތީގެ ފައިދާވެފައި ވަނީހަމަ އެކަނި ފައިބަރ ކޭބަލް އާޅާފައި ހުރި ރަށްތަކަށް ކޭބަލް ނާޅާ ރަށްތަކުގެ ރައްޔިތުންގެ ހާލަކީ ހަމަ ބަރަވެލި ސްޕީޑުގެ ހާލަތު އެމީހުންނަކަށް އަގުހެޔޮ ވުމަކުން ފައިދާއެއްނުވޭ ހިދުމަތަކީ ވަކިރަށްތަކަކަށް ވީމަ ދޭންޖެހޭޭ ހިދުމަތެއް ނޫން ހުރިހައި ރަށްޔިތުންނަށް ހަމަހަމަ އުސޫލުން ހިދުމަށް ދިނުން ވަރަށް މުހިންމު

    މިކަމުގެ ހަބަރު ތަށް ނޫސްތަކަށް ނޭގެނީތަހަމަ./...............

    24
    1
  3. ޅަބޭ

    އިންޓަނެޓު އަގުހެޔޮކުރީ ކުރީގެ ޓެކް މިނިސްޓަރު މަލީހު. އިބޫ ސޯލިހެއް ނޫން. ވީމާ މިކުއް އިސްލާހު ކޮއްލާ.

    19
    3
  4. ލާމު

    އަބަރެމެން މިގެންގުޅެނީ މަހަކު 307 ރުފިޔާ ދައްކަންޖެހޭ ޕެކޭޖެއް. މިޔަކަށް އެއްވެސް ބަދަލެއް ނާދޭ. އެލަވަންސެއް ވެސް އިތުރެއް ނުވޭ. ސްޕީޑެއް ވެސް ބަދަލު ނުވޭ. ވަކި ބަޔަކަށްތަ އަގުހެޔޮވެފަ ސްޕީޑް އަވަސްވީ. މިވެސް އިންސާފުތަ؟

    27
    2
  5. އަހުންމާ

    ރާއްޖެ އޮންލައިން އަދި ކަހާތަން ހިރުވާވެސް ނުލާ. ކޮބާ އެޅި ފިޔަވަޅަކީ އެހެން ވީމަ؟ ނޭޅޭނެ ފިޔަވަޅޭއް.
    އަސްލަކީ ކުރީގެ ސަރުކާރުން ރާވާފަ އޮތީ ފައިބާ ކޮޅޭއް އަޅާފަ ޕްރޮވައިޑާސްއަށް ވިއްކާގޮތަށް. އޭރުގެ ޕްލޭނު މިވެރިކަމުގަ މިހާސިލްކުރީ. ވީމާ ކުރީގެ ސަރުކާރަށް އަދި މި ސަރުކާރަށްވެސް ޝުކުރު.

    1
    1
  6. ޙަސަން

    ޜާއްޖެތެރޭ މީހުނަށް ވީކަމެއް ހަރާމް،މިއުޅެނީ ނޫހެއް ކިޔާނުލެވިގެން.
    ނ.މަނަދޫ

  7. އަލްޖިބްރާ

    އަގުހެޔޮކުރީ ޔާމީނޭ ނުބުނީ ކީއްވެތަ ؟ އެވެސް ވެރިކަން ކުރި މީހެއްނު ؟ އަދި ހުވަފެންވެސް ދެއްކިމީހެއްނު ؟ އަގު ހެޔޮކުރީ މިސަރުކާރުން ! މަލީހު އެއްނޫން ! މަލީހުގެ އޮތީ އަގައެއް ! ތަޅުވަ ތަޅުވަ ހުރީ !

    1
    1
  8. އަހުމަދު

    މޯބައިލް ފޯން ބޭނުން ކުރަނީވެސް ނުހަމަ އަގު ދީފަ. އެމީހުނަށް ނެތީތަ ހަމަ އެއްވެސް ކަމެއް؟؟؟؟

    1
    1
  9. ރަދީފުލް ކުމާރު

    މަސްނިމޭކޮޅަށް އެޅިމާ ކަނޑުމަތިނާޅާނެބާ؟

  10. ރަމީޒު މުހައްމަދު

    ވަކި ބަޔަކަށް، ވަކި ސަރަހައްދަކަށް ވަކި ގޮތެއް، ވަކި އަގެއް، މީތި ކަޑަ، މީ ޑިމޮކްރަސީ ޔޯ. އެންމެނަށް ހަމަހަމަ އުސޫލުން ޚިދުމަތް ފޯރުކޮށް ނުދެވޭނަމަ ރަނގަޅުވާނީ ވަސީލަތްތައް ފުރިހަމަ ވަންދެން ފޮނިކަނޑަން ތިބިއްޔާ