މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ، މިއީ އެ ކުންފުނީގެ ޙިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށެވެ.

އެގޮތުން މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެޡ

އަދި މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިދުމަތަށް އައި ބަދަލުތައް:

- ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ

- މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ

- ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ

- ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އިލްތިމާސަކީ، ކޮވިޑް-19 ފެތުރެމުންދާ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުން ކަމަށެވެ. އަދި އަޅުގަނޑުމެންގެ މަގްސަދަކީ، މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށްވެސް އެމްޕީއެލް އިން ބުނެފަައި ވެއެވެ.