ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދޭގޮތާއި ގުޅޭ ގޮތުން އޮޑިޓެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މިއޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ. އިއުލާނުގައި ބުނެފައި ވަނީ އޮޑިޓް ކުރިއަށް ގެންދާނެ ފަރާތެއް ހޮވުމަށް ކުރިއަށް ގެންދާ ބިޑްގެ އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖުލައި 2021، 13:30 ގައެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީން އެދެއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނާއިއެކު ހިމަނާފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) ގައި ބުނެފައި ވަނީ މިއޮޑިޓްގެ އެއް ބޭނުމަކީ ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާއަށް ހަރަދުކުރާ ގޮތާއި، މިންވަރާއި އަދި މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތް ދެނެގަތުން ކަމަށެވެ.

މިއޮޑިޓް ނިމުމުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި، ދެމެހެއްޓެނިވި ގޮތުގައި ހަރަދުތައް ހަމަޖައްސައިގެން އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ދެވޭނެ ގޮތްތައް ކަނޑައެޅުމުގައި އޮޑިޓުން ލިބުނު މައުލޫމާތައް ބަރޯސާވާނެ ކަމަށް ވެސް ޓީއޯއާރު ގައި ބުނެފައި ވެއެވެ.

މަދުވެގެން ކުރިއަށް އޮތް ފަސް އަހަރު ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދިނުމަށް ހަރަދު ކުރަން ޖެހޭނެ ފައިސާގެ އަންދާޒާއެއް ވެސް އޮޑިޓްގައި ހިމަނަން ޖެހެއެވެ.

މިއޮޑިޓް ކުރުމަށް ލިޔެކިޔުންތައް ބެލުމުގެ އިތުރުން މުވައްޒަފުންނާއި އިންޓަވިއު ކޮށްގެން ވެސް މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަދު

    މަޖްލިސް މެންބަރުން، ސިޔާސީ މީހުން މަސައްކަތް ކުރާ ގޮތުގެ އޯޓިޑެއްވެސް ހެދުން މުހިނަމު. އަދި މިމީހުން ދެވޭ މުސާރަ އަކީ އެކަށީގެންވާ އަދަދެއްތޯ ބެލުންވެސް މުހިންމު.

  2. ޒަމް

    ސްކޫލްތަކުގެ އިދާރީ މުވައްޒަފުނަސް އޯޑީ ނުލިބޭ މުސާރަ އރހާކުޑަ މިނިމަންވޭޖު އަދިވެސަ ކަޑަނާލާ ނަގާފަތިބި ލޯނަން ފަެިސާވެ ރަގަޅަން ނުދެއްކިފައި މިއޮންނަނީ އަދިވެވެސް ބޮޑުންގެ މުސާރަ ހަމަ ބޮޑު ވަނީ؟؟؟؟؟؟؟؟؟؟