އިނގިރޭސިވިލާތިގެ ލަގްޒަރީ ޓްރެވަލް ލައިފް ސްޓައިލް މެގަޒިން އިން ހޮވި ހަނީމޫން މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.

އެ މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައިގެން ހޮވި މި އެވޯޑު ރާއްޖެއަށް ލިބުނީ ސީޝެލްސް އާއި ފިޖީ އަދި އިޓަލީގެ ވެނިސް ފަދަ މަންޒިލްތަކާ ވާދަކޮށެވެ.

މިއީ އެ މެގަޒިން އިން މި އެވޯޑު ދޭން ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި އެވޯޑު ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަކީ އިނގިރޭސި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ހަނީމޫން މަންޒިލެއް ކަމަށާއި މިފަދަ އެވޯޑެއް ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ. އަދި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުޅުވަމަންދާއިރު މިއީ ރާއްޖެއަށް ޗުއްޓީއަށް އަންނަ މީހުންނަށް ހުޅުވިގެންދާ އިތުރު ފުރުސަތުތަކެއް ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 51,076 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ.