ކުދިކުދި ޕެކެޓްތަކުގައި ރާއްޖެއަށް ސުޕާރި އެތެރެ ކުރުން މަނާކުރިތާ ދޮޅުމަސް ދުވަސް ވާން ކައިރިވެފައި ވާއިރު އަދިވެސް ކުދިކުދި ޕެކެޓްތަކުގައި ދަތިކަމެއް ނެތި ބާޒާރުން ސުޕްރީ ލިބެމުން އެބަދެއެވެ. ނަމަވެސް ގިނަ ބާވަތްތަކުގެ ސުޕާރީގެ އަގު މިހާރު ވަނީ އުފުލިފައެވެ.

މާލޭގައި ހުންނަ ގިނަ ކަންމަތީ ފިހާރަތަކުން މިހާރު ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ރަސްލީ ސުޕާރި ޕެކެޓެއް ލިބެނީ ދެރުފިޔާ އަށެވެ. ނަމަވެސް ރަސްލީ ސުޕާރީގެ ފޭކް މިހާރު އަގުހެޔޮކޮށް އެބަވިއްކައެވެ. ފޭކް ރަސްލީ ސުޕާރި ޕެކެޓެއް އެއް ރުފިޔާ އަށް ވިއްކަމުން އެބަގެންދެއެވެ.

ފަހަކަށް އައިސް ދިވެހިންގެ ތެރެއަށް ތައާރަފް ވެގެން ދިޔަ އެހެން ވައްތަރުތަކުގެ ސުޕާރިތަކުގެ އަގަށް ވެސް މިހާރު ވަނީ ބަދަލު އައިސްފައެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ކުދިކުދި ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ސުޕާރި މިހާރު ވިއްކަމުން ދަނީ އެއީ ޖޫން މަހުގެ 01 ވަނަ ދުވަހުގެ ކުރިން އެތެރެ ކޮށްފައިވާ ސުޕާރިކަމަށް ވާތީއެވެ. "މިމަސް ނިމޭއިރު ވެސް އަދި ޕެކެޓްގައި ހުންނަ ސުޕާރި ހުސް ވެދާނެ ކަމަކަށް ލަފައެއް ނުކުރެވޭ. ނަމަވެސް އަދިވެސް ސުޕާރީގެ އަގު އިތުރަށް އުފުލިގެން ދިއުން އެކަށީގެންވޭ." މައުލޫމާތު ދިން ވިޔަފާރިވެރިޔަކު ބުންޏެވެ.

ޕެކެޓްގައި ބަންދުކޮށްގެން ސުޕާރި ވިއްކުން މަނާކުރުމުން ކުދިކުދި ފުޅިތަކުގައި ބަންދުކޮށްގެން މިހާރު ރާއްޖެ އަށް ސުޕާރި ވަނީ އެތެރެ ކޮށްފައެވެ. ނަމަވެސް ޕެކެޓްތަކުގައި ހުންނަ ސުޕާރީ އަދިވެސް ލިބެން ހުރުމުން ފުޅިތަކުގައި ހުންނަ ސުޕާރީ ފިހާރަތަކުން ވިއްކުން އެހައި އާއްމެއް ނޫނެވެ.

އެކްސްޕޯޓު އިމްޕޯޓު ޤާނޫނުން ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރެއް ރައީސް ނެރުއްވަން ޖެހެއެވެ. މިއަހަރުގެ ޖޫން 01 ވަނަ ދުވަހުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާޓިކް އުފެއްދުންތައް ރާއްޖެ އެތެރެ ކުރުން މަނާކުރަން ކުރިން ހަމަޖެހުނު ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް ބައެއް ބާވަތްތައް އެތެރެކުރާ ތާރީޚަށް ފަހު ވަގުތު ބަދަލު ގެނައެވެ.