ކުރީގެ ކަރުދާސް ނޫޓްތައް ރަން ދިހަފަހެއް ނޫޓް ސީރީޒް އަށް ބަދަލު ކުރުމަށް އެމްއެމްއޭ އިން މިހާރު ވަނީ "ބަދަލުކުރަމާ" ނަމުގައި ކެމްޕޭނެއް ފަށާފައެވެ. ތިރީގައި އެވަނީ މިކެމްޕޭނާއި އަދި ފައިސާގެ ނޫޓް ބަދަލު ކުރުމާއި ގުޅޭ ގޮތުން ކުރެވޭ ބައެއް ސުވާލާއި އެސުވާލުތަކުގެ ޖަވާބެވެ.

01. ބަދަލުކުރަމާ ކެންޕޭނަކީ ކޮން ކެންޕޭނެއް؟

ބަދަލުކުރަމާ ކެންޕޭނަކީ، ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުންކުރަމުން އައި ކަރުދާސް ނޫޓު ސީރީސް އުވާލުމަށްފަހު އެ ނޫޓުތަކަށް ބަދަލު ދިނުމަށް ކަނޑައެޅި މުއްދަތު މި އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ހަމަވާތީ މި ތާރީޚް ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން އެމްއެމްއޭ އިން ހިންގަމުން އަންނަ ކެންޕޭނެކެވެ.

02. ކަރުދާސް ނޫޓުތަކުގެ ތެރެއިން ބަދަލު ލިބެނީ ކޮން ނޫޓު ތަކަކަށް؟

ރައީސުލް ޖުމްހޫރިއްޔާގެ ނަންބަރު 2016/6 (21 ޖުލައި 2016) ޤަރާރުން، 1 އޮގަސްޓު 2016 އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 2، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓު ތަކަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2017/7 (27 ޑިސެންބަރު 2017) ޤަރާރުން، 1 ޖަނަވަރީ 2018 އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓު ތަކަށެވެ. ނޫޓު ގައިވާ ތާރީޚުން ބަލާނަމަ މިއީ 1983 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 2، 5، 10، 20، 50، އަދި 100 ރުފިޔާގެ ނޫޓުތަކާއި 2006 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 500 ރުފިޔާގެ ނޫޓުތަކެވެ.

03. ކަރުދާސް ނޫޓުތަކުގެ ތެރެއިން 500 ރުފިޔާގެ ބައެއް ނޫޓުތަކަށް ބަދަލު ނުލިބެނީ ކީއްވެ؟

ކަރުދާސް ނޫޓުތަކުގެ ތެރެއިން 1990 އަދި 1996 ގެ ތާރީޚުގެ ނޫޓުތަކަކީ 2007 ވަނަ އަހަރު ލީގަލް ޓެންޑަރ އެއް ނޫން ކަމުގައި ކަނޑައަޅައި 2008 ވަނަ އަހަރުގެ ނިޔަލަށް ބަދަލު ހޯދުމުގެ މުއްދަތު ހަމަވެފައިވާ ނޫޓުތަކެކެވެ. މި ނޫޓުތަކަކީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުން ކުރަމުން އައި ނޫޓުތަކެއް ނޫނެވެ. އެހެންކަމުން، 31 ޖުލައި 2021 ނިޔަލަށް އޮތް މި މުއްދަތުގައި ބަދަލު ލިބޭނީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުންކުރަމުން އައި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. އެއީ 2006 އަދި 2008 ގެ ތާރީޚުތަކުގައިވާ 500 ރުފިޔާގެ ކަރުދާސް ނޫޓުތަކެވެ.

04. މި މުއްދަތުގައި ކަރުދާސް ނޫޓު ތަކަށް ބަދަލު ނުހޯދައިފިނަމަ ވާނީ ކިހިނެއް؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގައިވާ ގޮތުން ލީގަލް ޓެންޑަރ ނޫންކަމުގައި ކަނޑައަޅާ ނޫޓަށް ބަދަލުދިނުމަށް ހަމަޖެހިފައިވާނީ ކަނޑައެޅޭ ވަކި ތާރީޚެއްގެ ނިޔަލަށެވެ. އެހެންކަމުން މި ތާރީޚުގެ ފަހުން މި އިން އެއްވެސް ނޫޓަކަށް ބަދަލު ހޯދުމުގެ ފުރުސަތެއް ނޯންނާނެއެވެ.

05. ކަރުދާސް ނޫޓުތައް ބަދަލުކުރާނީ ކިހިނެއް؟

ކަރުދާސް ނޫޓުތަކަށް ބަދަލު ލިބޭނީ އެމްއެމްއޭ އިން އެކަންޏެވެ. 31 ޖުލައި 2021 ގެ ކުރިން، ރަސްމީކޮށް އެމްއެމްއޭ ހުޅުވާފައިހުންނަ ހުރިހާ ދުވަހެއްގައިވެސް ބޭންކިންގ ޚިދުމަތްދޭ ގަޑިތަކުގައި އެމްއެމްއޭ އަށް ވަޑައިގެން ނޫޓުތަކަށް ބަދަލު ހޯއްދެވޭނެއެވެ.

06. އެމްއެމްއޭ ނޫން ތަނަކުން ކަރުދާސް ނޫޓަށް ބަދަލު ނުދެނީ ކީއްވެ؟

ލީގަލް ޓެންޑަރ ނޫން ކަމުގައި ކަނޑައަޅާ ނޫޓަށް ބަދަލު ހޯދުމުގެ ފުރުސަތު އޮންނަނީ މަރުހަލާތަކަކަށް ބެހިފައެވެ. މި ގޮތުން ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުން ކުރަން ފެށުމަށްފަހު 31 ޖުލައި 2016 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި 2، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓުތައް ވަނީ ރަން ދިހަފަހެއް ނޫޓަށް ބަދަލުކޮށްދީފައެވެ. އަދި ރަން ދިހަފަހެއް ނޫޓު ސީރީޒް ގެ 5 ރުފިޔާ ދައުރުކުރުމަށް ނެރުމަށްފަހު 31 ޑިސެންބަރު 2017 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ހުށަހެޅި 5 ރުފިޔާގެ ކަރުދާސް ނޫޓުތައްވެސް ވަނީ ރަން ދިހަފަހެއް ނޫޓަށް ބަދަލުކޮށްދީފައެވެ. މި ތާރީޚު ތަކަށްފަހު 31 ޖުލައި 2021 ނިޔަލަށް މި އޮތް މުއްދަތުގައި ނޫޓުތަކަށް ބަދަލުދޭނީ ހަމައެކަނި އެމްއެމްއޭ އިން ނެވެ.

07. ކަރުދާސް ނޫޓުގެ ތެރެއިން މިހާތަނަށް ބަދަލު ހޯދުމަށް ހުށަހަޅާފައި ނުވަނީ ކިހާ ނޫޓެއް؟

ރަން ދިހަފަހެއް ނޫޓު ސީރީޒް ދައުރުކުރުމަށް ނެރުނު އިރު ދައުރުވަމުން ދިޔަ 2.9 ބިލިއަން ރުފިޔާގެ ތެރެއިން %95 ވަނީ މިހާތަނަށް ބަދަލު ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅާފައެވެ. ބާކީ %05 އަދިވެސް ބަދަލު ހޯދުމަށް ހުށަހަޅާފައެއް ނުވެއެވެ.

"ބަދަލުކުރަމާ ކެމްޕޭން" ގެ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ