ދިވެހިންގެ މެދުގައި މަގުބޫލު އެއް އެއާލައިން ކަމަށްވާ ފްލައިމީ އިން އދ. މާމިގިއްޔާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ދަތުރުތައް ފެށުމަށްޓަކައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިލާ އެއާ އިން މިއަދު ބުނެފިއެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "ވަގުތަށް" ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފްލައިމީގެ ދަތުރުތައް ފުޅާ ކުރަން ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރާއި މާމިގިއްޔާ ދެމެދު ފްލައިމީގެ ދަތުރުތައް ބޭއްވުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ދަތުރުތައް ފެށޭނެ ވަކި ދުވަހެއް ދަންނަވަން އަދި ދަތި ކަމަށް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވި ގޮތުގައި، ވިލާ އެއާ އިން މަސައްކަތް ކުރަނީ ފްލައިމީގެ ދަތުރުތައް ވީހާވެސް އަވަހަކަށް މާމިގިއްޔާއި ބެންގަލޫރާ ދެމެދު ފެށުމަށެވެ.

"ވިލާ އެއާ އިން މަސައްކަތް މި ކުރަނީ ސަރުކާރުން ލިބެން ޖެހޭ ހުއްދަތަކާ އެއްޗެހި ހޯދަން،" ނާޝިދު ވިދާޅުވިއެވެ.

ވިލާ އެއާ އިން އިންޑިއާ އާއި މާމިގިއްޔާ ދެމެދު ދަތުރުތައް ބާއްވަން މަޝްވަރާ ކުރަމުން އަންނަ އިރު، އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ އެއް ގައުމެވެ. ފަހަކަށް އައިސް އިންޑިއާ އިން ރާއްޖެ އަށް ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ފްލައިމީން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ލިބިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ފްލައިމީގެ ފުރަތަމަ އިންޓަނޭޝަނަލް ދަތުރުކޮށްފައި ވަނީ ސްރީ ލަންކާއަށެވެ. ނަމަވެސް ފްލައިމީން ލަންކާ އަށް ދަތުރު ކުރުން މިހާރު ވަނީ ހުއްޓާލައިފައެވެ.

ނާޝިދު ވިދާޅުވީ އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) ލިބުމާ ގުޅިގެން އިންޑިއާގެ އިތުރު މަންޒިލްތަކަށާއި އެހެން ގައުމުތަކަށް ވެސް ދަތުރު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެންމެ އަވަހަށް ދަތުރުތައް ފެށޭނީ އިންޑިއާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލައިމީގެ ދަތުރުތައް މިހާރު އާންމުކޮށް ކުރަނީ މާމިގިލީގެ އިތުރުން ބ. ދަރަވަންދޫއަށެވެ. ފްލައިމީ އިން މީގެކުރިން، އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކަށް ވެސް ދަތުރުތައް ބޭއްވިއެވެ. އެކަމަކު، އެ ދެ ސިޓީ އަށް މިހާރު ފްލައިމީ އިން ދަތުރު ކުރުން ވަނީ ހުއްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީޒް

    އެއް ގޮތަކައްވެސް ތި ހުއްދަ ދީގެން ނުވާނެ. މިއަށް ވުރެ މާ ބޮޑެތިބގައުމުތަކުގަވެސް އިންޓަނޭޝަނަލް އެންމެ އެޔާޕޯޓެއް ގެންގުޅެނީ ސަބަބުތަކަކާއި ހުރެއެވެ. މިތާގަ ހަމަ މަހުޖަނަކު ބޭނުންހާ ކުޅިވަރެއް ކުޅެން ދޫދެވިގެން ނުވާނެ.