މިމަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށުން ބޭރަށްދާން ބޭނުންވާ ފަރާތްތަކަށް ދަތިވެދާނެތީ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މި ނިންމުމާއި އެކީ އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދު އިތުރަށް ދިގުވެ، ބޮޑު ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް މި ވަނީ ލިބިފައެވެ.

މިދެދުވަސް ޗުއްޓީ ދުވަސްތަކަކަށް ހެދުމަށް ރައީސް ނިންމާފައިވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ރަށުން ބޭރަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޮޒު ފުރިހަމަކޮށް، 14 ދުވަސްވެފައިވާ މީހުންނަށް މޮނިޓަރިންގައި ނޯންނަ ރަށްތަކަށް ކަރަންޓީނަކާއި ނުލައި ދެވެނެއެވެ.

އެހެން ނަމަވެސް މޮނިޓަރިންގައި އޮންނަ ރަށަކަށް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުު ކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށްގެން ދަތުރު ކުރިއަށް ކަރަންޓީނު 14 ދުވަހުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.