އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ އަގަށް ގެނައި ބަދަލާއިއެކު ޑީސަލް ލިޓަރެއްގެ އަގަކީ -/10.95 (ދިހަ ރުފިޔާ ނުވަދިހަ ފަސްލާރި) އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ -/10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) ކަމަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ. ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ.

މިއަދު އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކޮށްފައި މިވަނީ އެންމެ ފަހުން ތެލުގެ އަގަށް ބަދަލުގެނައިތާ ހަތަރު މަސް ދުވަސް ފަހުންނެވެ. އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މާޗް މަހު އެވެ.

މާޗް 16 ވަނަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.85 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް ވިއްކަމުން އައީ 9.79 ރުފިޔާއަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން -/1.87 ފުފިޔާ އަދި ޑީސެލް ލީޓަރަކުން -/1.16 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ތެލަށް އޮތް ޑިމާންޑް ދުނިޔޭގެ ބާޒާރުގައި ދަށަށް ދިއުމަށް ފަހު މިހާރު ޑިމާންޑް އިތުރުވަމުން އަންނާތީ ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. ޑިމާންޑް އިތުރުވަމުން އަންނަ އިރުވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން އޯޕެކްގެ ގައުމުތަކުން ބޭނުން ނުވާތީ އަދިވެސް ތެލުގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ބައިނަލްއަޤުވާމީ މިޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 72 އެމެރިކާ ޑޮލަރުގައެވެ.